މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދުކޮށްފި

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވުން ފަސްކޮށް ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަޟްހާ އީދާއި މިޑްޓާމް ބަންދަށް ފަހު ސްކޫލުތައް އަލުން ހުޅުވަން ހަމަޖައްސާފައި އޮތީ އަންނަ އާދިއްތަ ދުވަހު ކަމަށް ވިޔަސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެ ހަފުތާ އަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ސްކޫލުތަކަށް ކުދިން ދާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ދެ ހަފުތާއަށް ފަހު ބަލިމަޑުކަން ފެތުރޭ ގޮތް ބަލައި މި ނިންމުން މުރާޖައާ ކުރެވޭނެ އެވެ،" ބަޔާނުގައި ބުންޏެވެ.

މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ އެކެއްގަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އެކި ވަސީލަތްތައް މެދުވެރިކޮށް، އޮންލައިންކޮށް ކިޔަވައިދީފައި ވެ އެވެ.

މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ސްކޫލެއްގައި ގްރޭޑު 1-12 އަށް ކިޔަވައިދިން ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައި ދެމުން އައީ ކީ ސްޓޭޖް 4-5 ގައި ހިމެނޭ ގްރޭޑު 9-12 އަށެވެ. ކީ ސްޓޭޖް ތިނެއްގައި ހިމެނޭ ގްރޭޑު 7 އަދި 8ގެ ކިޔެވުން، މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މި މަހުގެ 16 ގައި ފަށަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަޟްހާ އީދާއި މިޑްޓާމް ބަންދަށް ފަހު ސްކޫލުތައް އަލުން ހުޅުވަން ހަމަޖައްސާފައި އޮތީ އަންނަ އާދިއްތަ ދުވަހު ކަމަށް ވިޔަސް، އެޗްޕީއޭގެ ލަފާގެ މަތިން، ކުރިއަށް އޮތް ދެ ހަފުތާ އަށް މާލެ ސަރަހައްދުގެ ސްކޫލުތަކަށް ކުދިން ދާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ސްކޫލަކީ ކުދިިންގެ ނަފްސާނީ، އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށް ވާއިރު، ސްކޫލަށް ހާޒިރުވެ އުުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އެ މިނިސްޓްރީން އަބަދު ވެސް އެންމެ އިސްކަމެއް ދެނީ ކުދިންގެ ސިއްހަތަށް ކަމަަށް ވާތީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު، އެ ކުދިންގެ އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

"ގޭގައި ދަރިވަރުން ތިބޭއިރު، އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަރިވަރުންނާއި މުދައްރިިސުން އަދި ބެލެނިވެރިންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.

ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ އެންމެ މުހިއްމު އަމާޒުކަމަށް ވެސް ބުންޏެވެ.

ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ދަނީ އާންމުވަމުންނެވެ. ނަމަވެސް ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައި ވެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިންމަވައިފަ އެވެ. ރައީސް އޮފީހުން ބުނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކުރި ނަމަވެސް ގޭގައި ތިބެގެން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.