ކޮވިޑާ ގުޅޭ އިތުރު ފިޔަވަޅުތަކެއް މިއަދު އިއުލާންކުރަނީ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސަރުކާރުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް މިއަދު އިއުލާންކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ނިންމައިފި އެވެ.


މި ފިޔަވަޅުތައް އިއުލާން ކުރައްވާނީ އެހެން ރޭ ތަކާ ޚިލާފަށް މިއަދު ހަވީރު ހަތަރެއް ޖަހާއިރު ބާއްވާ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ އަދި މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

ލޮކްޑައުން އަށް ސަރުކާރުން ދިން ލުއިތަކާ އެކު، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމާއި ރޭގަނޑު 11 ން ފަތިހު 5 އާ ދެމެދު ބޭރުތެރޭގައި އުޅުން މަނާކޮށްފައި އޮތްއޮތުން ކުރިއަށް ވުރެ ބޮޑަށް ތަންފީޒު ކުރަން ފެށުން ހިމެނެ އެވެ. މި ދެ ކަންތައްތަކުގެ އިތުރުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މާލެ ސަރަހއްދުގެ ސްކޫލްތަކުގައި ކިޔެވުން ވެސް މިއަދުން ފެށިގެން ދެ ހަފުތާ އަށް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

ލޮކްޑައުން އަށް ދިން ލުޔާއެކު، ދިވެހިންގެ މެދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު ވެސް ދަނީ މައްޗަށެވެ. އަދި އެ ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ މަތިވެފަ އެވެ. މިދިޔަ ހަފުތާއެއްގެ ތެރޭގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު، އެއީ މުޅިން ވެސް ދިވެހިންނެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 19 އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 4،293 މީހަކަށް ކޮވިޑް ޖެހި، 2،670 މީހަކު އެ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 1،589 މީހެކެވެ. އޭގެ ތެރެއިން 92 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.