ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު ބިދޭސީންނަށް ވުރެ މަތިވެއްޖެ

ލޮކްޑައުން އަށް ދީފައިވާ ލުއިތަކުގެ ކުރިން ރާއްޖޭގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރުނީ ބިދޭސީންގެ މެދުގައި ކަމަށް ވިޔަސް އެ މީހުންނަށް ވުރެ ދިވެހިންގެ އަދަދު މަތިވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހަވީރު 6 އާ ހަމައަށް އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު 4،293 މީހުންގެ ތެރެއިން ދިވެހިންގެ އަދަދު އުޅެނީ 2،178 ގަ އެވެ. އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން 50.7 ޕަސެންޓެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެ ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 2،115 އެވެ. އެއީ ޖެހުނު މީހުންގެ 49.3 ޕަސެންޓެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 1،687 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.

ބަންގްލަދޭޝް އަށް ފަހު ދެން އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް ޖެހުނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 302 މީހަކާއި ނޭޕާލްގެ 48 އަދި ސްރީ ލަންކާގެ 41 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުގައި ހާމަކޮށްފައިވަ މައުލޫމާތުތަކުން ދައްކަ އެވެ.

އޭޕްރީލް 15 ގައި މާލެ އިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން، ފުރަތަމަ ދޮޅު މަހު އެ ބަލި އެންމެ ގިނައިން ޖެހުނީ ބިދޭސީންނަށެވެ. އެކަމަކު، ތޮއްޖެހިގެން އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުން، އެ މީހުންގެ މެދުގައި ބަލި ފެތުރުން ވަރަށް ކޮންޓްރޯލްވެގެން ދިޔަ އެވެ. އޭގެ ފަހުން ބަލި ޖެހުނު ދިވެހިންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައި ވެ އެވެ.

މިދިޔަ އާދިއްތަ ދުވަހަކީ، މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު އެކަނި ވެސް 215 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 149 އެވެ.

ކޮވިޑް ބަލިން 2،670 މީހަކު ރަނގަޅު ވެފައިވާއިރު 19 މީހަކު ވަނީ މަރުވެފަ ވެ އެވެ. އެއީ 13 ދިވެހިންނާއި ހަ ބިދޭސީއެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އެޅި ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ މަތިވަމުންނެވެ. ޚާއްސަކޮށް ކޮވިޑް ބަލި ދިވެހިންގެ މެދުގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ފެތުރެމުންދާތީ ހާލަތު ވަނީ މާ ބޮޑަށް ސީރިއަސްވެފަ އެވެ.