އެލްސިއޯން ބޭކަރީ ތެޔޮ ޓޭންކް: އަވައްޓެރިންނަށް ބިރެއް

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ރޭ ބާރު ގަދަގޮވުންތަކެއް ގޮވައި، މުޅި ސަރަހައްދު އަޅިއަށް އަޅާލި ހާދިސާއިން ދިވެހިންނަށް ވެސް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ. އެއީ މި ފަހުން ދުނިޔެ ނުދެކޭވަރުގެ ބާރުގަދަ ގޮވުންތަކެކެވެ. އެއާއެކު، ދިވެހިންގެ ކަންބޮޑުވުމަކަށްވީ މާލޭގައި ވެސް، އަދިވެސް ތެޔޮ ރައްކާކުރާ ގުދަންތަކެއް ހުރިއިރު، އެފަދަ ނުރައްކާތެރިި ހާދިސާއެއް އެތަނުގައި ހިނގައިފާނެ ކަމުގެ އެވެ.


ބެއިރޫތުގެ ހާދިސާއިން އިބުރަތް ހާސިލް ކުރަން ގޮވާލި މީހުންގެ ތެރޭގައި، މަޝްހޫރު ބޭކަރީ އެލްސިއޯން ކައިރީގައި ދިރިއުޅޭ މީހުން ހިމެނެ އެވެ. އެ މީހުންގެ އެންމެ ބޮޑު ބިރަކީ، އެތަނުގެ އަވަންތަކަށް ތެޔޮ ފޯރުކޮށްދޭން އަންނަ ތެޔޮ ބައުޒަރުތަކާއި ތެޔޮ ރައްކާކުރާ ބޮޑު ޓޭންކެވެ. މީހުން ދިރިއުޅޭ ބޮޑު އިމާރާތެއްގައި ހުންނަ އެ ޓޭންކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އެ މީހުންގެ އޮވެ އެވެ.

އެލްސިޔޯން ކައިރީގައި ދިރިއުޅުއްވާ، އެޑްވަޓައިޒިން އެޖެންސީ، ތިންކުގެ ސީއީއޯ އަދީލް އިސްމާއީލް ވަނީ އެ ކަންބޮޑުވުން މީގެ ކުރިން ވެސް ފާޅުކުރައްވައިފަ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އަދީލް ވިދާޅުވީ އެ ސަރަހައްދުގައި ހުންނަ އެންމެ އުސް އެއް އިމާރާތުގައި ހުންނަ އެ ބޭކަރީއަށް، ކޮންމެ ހަފުތާއަކު ވެސް ބައުޒަރު އައިސް ތެޔޮ ހުސްކުރުމަކީ އެ ހިސާބުގަނޑު ގިނަ މީހުންގެ ވެސް ކަންބޮޑުމެއް ކަމަށެވެ. އެ ސަރަހައްދުގައި ގިނަ އުސް އިމާރާތްތަކެއް ހުންނައިރު، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އަހަރުތަކެއް ކުރިއްސުރެ އަޅުގަނޑު މި ވާހަކަ ދައްކަމުން މިއަންނަނީ. އެހެންވެ، މިހާރު ބޭނުންވޭ، މިފަދަ ކަމެއް ނުހިނގާނެ ކަމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމުގެ ޔަގީންކަން. ނުވަތަ އެހެން ތަނަކަށް ޓޭންކް ބަދަލު ކުރާނެކަން އެނގެން،" އަދީލް ވިދާޅުވި އެވެ.

މާލޭގައި އެންމެ ފަހުން ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތައް ވެސް ހިނގާފައި ހުރީ މި ފަދަ ގޮތަކަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު، މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކަކު މަރުވެ އަދި އެތައް ގެއެއް ވަނީ އަނދައި، ހުލިވެފަ އެވެ. އަދި މާގިނަ ދުވަހެއް ނުވެ، ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކުން ލޯންޗަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހި، ލޯންޗަކާއި ތިން ބައުޒަރު ވަނީ އަނދައިފަ އެވެ.

"ބެއިރޫތުގެ ހާދިސާއިން އިބުރަތް ހާސިލް ކުރަން އެބަޖެހޭ. އެލްސިއޯން ބޭކަރީން އަދިވެސް ގިނަ އަދަދަކަށް ތެޔޮ ރައްކާކުރާއިރު، އަހަރުމެން މި މަޑުކުރަނީ މި ފަދަ އެހެން ނުރައްކާތެރި ހާދިސާއަކަށްތަ؟" މާލޭ ސިޓީ ކައުންސިލް ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި އަދީލް ވިދާޅުވި އެވެ.

އޭނާގެ މި ޓްވީޓަށް ތާއީދު ކުރި ގިނަ މީހުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މާލޭގެ އެހެން ހިސާބުތަކުގައި ވެސް އަދިވެސް މި ފަދަ ކަންކަން ހިނގަމުންދާ ކަމަށް އެ މީހުން ބުންޏެވެ.

އަދީލް ވިދާޅުވި ގޮތުގައި ޑީސަލުން އަވަނުގައި ކެއްކުމުގެ ބަދަލުގައި މިޒަމާނުގެ އިލެކްޓްރިކް ސާމާނުގެ އެހީގައި ކެއްކުމަކީ ވެސް އެކަމަށް އޮތް ހައްލެކެވެ. ނުވަތަ ތެޔޮ ރައްކާކުރާ ޓޭންކް އެހެންތަނަކަށް ބަދަލު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްސިއޯނުން ބުނަނީ އަމަލު ކުރަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް

އެލްސިއޯން މެނޭޖަރު ޝިފާން އަހުމަދު ވިދާޅުވީ ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީން އެތަނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ތެޔޮ ގެންގުޅުމާއި ރައްކާކުރުމުގައި އާ ގައިޑްލައިނެއް ހަދާފައިވާއިރު އެއާ އެއްގޮތަށް އަމަލު ކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެ ގައިޑްލައިންގައިވާ ގޮތުން، ތެޔޮ ޓޭންކް ވަށައިގެން ވަކި ބޯމިނެއްގެ ފާރެއް ރާނަން ޖެހެ އެވެ. އަދި އެތަން މޮނީޓާ ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން މި އަމަލު ކުރަމުން ދަނީ އެ ގައިޑްލައިނާ އެއްގޮތަށް." ޝިފާން ވިދާޅުވި އެވެ.

މާލޭގައި މި ފަހުން ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ ކެމިކަލް ގެންގުޅުމާއި ވިއްކުމާއި ގުދަން ކުރުމުގެ ޚާއްްސަ ގަވާއިދެއް ހަދައި، ކެމިކަލް ގުދަންތައް ވަކި ޚާއްސަ މިންގަނޑުތަކަކަށް ހުންނަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ކެމިކަލް ގުދަންތައް، ތިލަފުއްޓަށް ބަދަލުކޮށްފަ އެވެ.