ފާމަސީ އެސިސްޓެންޓަކު އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަަލައެއް ބަަލަނީ

ބޭސް ފިހާރައަކަށް ދިޔަ އަންހެނަކަށް އެ ތަނުގައި ހުރި ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގެ ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބުނާ އަންހެެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޭސް ފިހާރައިގައި ހުއްޓައި ފާމަސީ އެސިސްޓެންޓް ވަނީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައިފަ އެވެ. އެ ގޮތަށް ކަންތައް ކުރީ އިންޑިއާ މީހެއް ކަމަށް ވެސް އޭނާއާ ހަވާލާދީ ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ފަދަ މައްސަަލަތައް ރިޕޯޓްކުރަން ބާރު އަޅައި ޖެންޑާ މިނިސްޓްރީން ވަނީ ދާދިފަހުން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.