އަދީބުގެ ދިފާއީ ހެކިން އެއް ގަޑިއިރު ތެރޭ ހާޒިރުވާން އަންގައިފި

ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިން ކުރިއަށް އޮތް އެއް ގަޑިއިރު ތެރޭ ކޯޓަށް ހާޒިރުވާން އަމުރުކޮށްފި އެވެ.


ކޯޓުން މިގޮތަށް އަމުރުކޮށްފައި ވަނީ ރައީސްގެ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީއަތުގަ އެވެ. އެ ޝަރީއަތުގައި މިއަދު ވަނީ ދައުލަތުން އަދީބާ ދެކޮޅަށް ހުށަހެޅި ހެކިންގެ ހެކިބަސް ނަގައިފަ އެވެ. އެ ހެކިވެރިން ވަނީ ލޯންޗުގައި އެއްޗެއް ގޮއްވާލި ދުވަހުގެ ކުރީ ދުވަހު އެ ލޯންޗުން އަދީބު ދަތުރުކުރެއްވި ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބާއި އޭނާގެ ދެ ބޮޑީގާޑެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައިވެ އެވެ.

އަދީބުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިރޭ 8:00 އަށް ވެސް ވަނީ ތާވަލްކޮށްފަ އެވެ. އަދީބުގެ ހަތަރު ދައުވާއެއް ކުރެ އެވެ.