މާސްކް ނާޅައި ބޭރުގައި އުޅޭ ނަމަ ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޝިފާ

ކޮވިޑް-19 ބާރަށް ފެތުރޭތީ، ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް ބޭރު ތެރޭގައި މާސްކް ނާޅައި، އެންމެންނަށް ނުރައްކާ ބޮޑުވާ ގޮތަށް ބައެއް މީހުން އުޅޭތީ މާލޭ މޭޔަރު ޝިފާ މުހައްމަދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


އޭނާ ހަނދާންކޮށްދެއްވި ގޮތުގައި މާސްކް ނާޅައި އުޅުމަކީ މާލެ ސަރަހައްދު އަނެއްކާވެސް ފުލް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމެކެވެ. މާލޭގައި ކޮވިޑް ފެތުރެން ފެށުމުން ލޮކްޑައުން ކުރުމުން އާއްމުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ނަފުސާނީ ގޮތުން ވެސް އެތައް ބަޔަކަށް ގެއްލުންތަކެއް ލިބުނެވެ. އެ ހާލަތުން އަދިވެސް އަރައިނުގަނެވި އެތައް ބަޔަކު އެބަތިއްބެވެ.

ޝިފާ ވިދާޅުވި ގޮތުގައި މާލެތެރޭގައި ބައެއް މީހުންގެ އަމަލުތައް ފެންނަނީ އެއްވެސް ވަރަކަށް ގައިދުރުކަން ނުބަހައްޓައި އުޅޭ ތަނެވެ. ކޮފީ ޝޮޕްތަކާއި ކަންކަންމަތީގައި ވެސް ބޮނޑިބޮނޑި އަށް މީހުން ޖަމާވެ ތިބުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން އެގޮތަށް ނުކުރައްވަން މޭޔަރު އިލްތިމާސް ކުރެއްވި އެވެ.

އެކަކު އަނެކަކާ ގައިދުރުކަން ބަހައްޓައި މާސްކް އަޅައިގެން ބޭރުތެރޭގައި އުޅުމަށް ވެސް ޝިފާ އެދިވަޑައިގަތެވެ.

އޭނާ ޓުވީޓަށް ރައްދު ދިން އެކަކު ބުނެފައިވާ ގޮތުގައި ކޮފީ ޝޮޕްތަކާއި ފިހާރަތަކާއި އެ ނޫން ވެސް ވިޔަފާރިތަކުގައި ގިނައިން ބިދޭސީން އުޅޭއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ މީހުން ތަބާވޭތޯ ނުބެލެ އެވެ. އެހެން މީހަކު ބުނެފައިވާ ގޮތުގައި ކޮފީ ޝޮޕްތައް ބަންދުކުރުމަކީ ވެސް ހައްލެކެވެ. ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން ލުއިތައް ދިނީ އެއްފަހަރަކާ ނޫން ކަން ފާހަގަކޮށް ބުނެފައި ވަނީ ރާއްޖޭގައި ހުރިހާ ޚިދުމަތެއް އެއްފަހަރާ ބެލުމެއް ނެތި ހުޅުވައިލުމަކީ ގޯހެއް ކަމަށެވެ.

ހާލަތު ގޯސްވެ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން، ސިލްސިލާކޮށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ޑޮކްޓަރުން ވެސް ދަނީ ފާޅުކުރަމުންނެވެ. މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުއި ދިން ފަހުން، ކޮންމެ ދުވަހަކު ވެސް ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވަމުންދާއިރު މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،000 އަށް އަރައިފަ އެވެ. ކޭސްތައް ބާރަށް ފެތުރޭ އެއް ސަބަބަކީ ލޮކްޑައުން ހުޅުވާލައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އާއްމުން ފަރުވާކުޑަކުރުން ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މާސްކް މަޖުބޫރުކުރިއަސް އެގޮތަށް އަމަލުނުކުރާތީ ކޮންމެ ދުވަހަކު ވެސް 1،000ރ. އިން ބައެއް މީހުން ޖޫރިމަނާ ކުރަން ޖެހެ އެވެ. ކޮވިޑްގައި ގިނަ ދިވެހިން ޕޮޒިޓިވްވަމުންދާ އިރު، އޭގެ ތެރޭގައި ނިސްބަތުން ބޮޑު ޕަސެންޓޭޖަކީ އެންމެ ހަރަކާތްތެރި އުމުރުފުރާ ކަމަށްވާ 18-40 އަހަރާ ދެމެދުގެ މީހުން ކަމަށް އެޗްއީއޯސީން ބުނެ އެވެ.

ގުޅުމެއް ނެތް ކްލަސްޓާތައް އިތުރުވަމުންދާ އިރު ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ލަފާކުރައްވާ ގޮތުގައި މި މަހުގައި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ހުށަހެޅި އެޑްމިޓްކުރަން ޖެހޭ އަދަދު ވެސް ގިނަވާނެ އެވެ. އޭނާގެ އެންމެ ބޮޑު ބިރަކީ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެތީ އެވެ.

ލޮކްޑައުން ހުޅުވާލަން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ހިނގައްޖެ ނަމަ ލަފާކުރުންތަކުގައިވާ އަދަދުތައް ދަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މޭޔަރު ޝިފާ ވެސް ހަނދާންކޮށްދެއްވީ، އެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބެންޖެހޭ ކަމެވެ.

ކޮވިޑް ޖެހުނު 2،218 މީހަކަށް ފަރުވާދެމުން އަންނަ އިރު މި ބަލީގައި ރާއްޖެ އިން މިހާތަނަށް ވަނީ 19 މީހަކު މަރުވެފަ އެވެ.