ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް ސާމިޔާ އައްޔަންކޮށްފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ސާމިޔާ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ.


އެ މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއަކަށް ސާމިޔާ އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރެއްވުމުންނެވެ.

ދައުރު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރީ މިދިޔަ ފެބްރުއަރީ 20 ގަ އެވެ.

ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުޅުވައިލުމުން، ސާމިޔާގެ އިތުރުން، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވެސް ކުރިމަތިލެއްވި އެވެ. އެތަނުން އެންމެ ގިނަ މާކްސް ލިބިފައިވަޑައިގަތީ ތަސްލީމާ އަށެވެ.

ތަސްލީމާ އަށް 84.98 މާކްސް އަދި ސާމިޔާ އަށް 73.9 މާކްސް ލިބިވަޑައިގަތެވެ.

މިނިސްޓްރީތަކަށް ޕާމަންޓް ސެކްރެޓަރީން އައްޔަން ކުރަނީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ގެނައި އިސްލާހުގައިވާ ގޮތުން ނަމަ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އެގޮތުން އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ތިން ބޭފުޅެއްގެ ނަން މިނިސްޓަރަށް ފޮނުއްވުމުން، ޕީއެސްއަކަށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައަޅާނީ މިނިސްޓަރެވެ.

ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ފަސް ބޭފުޅުން ކުރިމަތިލެއްވިއިރު މުޅި ޕްރޮސެސް ނިމުނުއިރު ތިބީ ދެ ބޭފުޅުންނެވެ.

ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރި، ސާމިޔާ މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ކަންކަން ބެލެހެއްޓެވުމުގަ އެވެ. އަދި ކޮވިޑް-19 ގެ ކަންކަން މެނޭޖު ކުރެއްވުމުގައި ވެސް އޭނާ ގެންދަވަނީ އިސްދައުރެއް އަދާކުރައްވަމުނެވެ.

ސާމިޔާ އަކީ ސިއްހީ ދާއިރާގައި އުޅުއްވާތާ 21 އަހަރު ވެފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އެ ދާއިރާގައި އަދާކުރެއްވީ އައިޖީއެމްއެޗުގަ އެވެ. އެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމު ފުރުއްވުމަށް ފަހު ދެން އޭނާ ގުޅިވަޑައިގަތީ ހެލްތު މިނިސްޓްރީއާ އެވެ. އެ މިިސްޓްރީގެ އިސް އެކި މަގާމުތައް ސާމިޔާ ފުރުއްވި އެވެ. އަދި 2010 އިން ފެށިގެން އޭނާ ނޭޝަނަލް ހެލްތު ރިސާޗު ކޮމިޓީ އާއި ނޭޝަނަލް ހެލްތު ކައުންސިލްގެ މެމްބަރުކަން ކުރެއްވި އެވެ.

ސާމިޔާ ވަނީ މާސްޓާ އޮފް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަންގެ އިތުރުން އިންފޮމޭޝަން މެނޭޖުމަންޓުގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވައިފަ އެވެ.