މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު

ރާއްޖެ އިން ނަގާފައިވާ ލޯނުތަކާއި ދައުލަތުން ދީފައިވާ ސޮވްރިން ގެރެންޓީއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީ އަކީ އިންޑިއާގެ ތާއީދު ހޯދަން ކުޅޭ ޑްރާމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ތުހުމަތުކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީއަށް ބަދަލުކޮށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ހާޒިރުކޮށް މިއަދު މެމްބަރުން ސުވާލުތަކެއް ކުރެއްވި އެވެ. އެ ބައްދަލުވުމުގައި ސުވާލުކުރައްވަމުން ތޯރިގު ތުހުމަތުކުރެއްވީ މިހާރު ކުރިއަށް ދަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިންޑިއާ އިން ތާއީދުކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްތޯ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްތޯ ބެލުމުގެ ރޭހެއް ކަަމަށެވެ.

"އެ ޑްރާމާގައި އަދަބުލިބިގެން ނުވަތަ، މި ވާހަކައިގެ ތެރޭގައި ހަލާކުވެގެން މިދަނީ ޗައިނާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ފުރަތަމަ އެ ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުން ނަޝީދު އެކަން ހުއްޓުވަން މަސައްކަތްކުރެއްވި އެވެ. އެމަނިކުފާނު އެންގެވީ ސީދާ ސުވާލަށް ވަޑައިގެންނެވުމަށެވެ. އެހެން ވިދާޅުވުމުން ތޯރިގު ވިދާޅުވީ ސުވާލު ބިނާވަނީ އެ ވާހަކަ އަށް ކަމަށާއި އަޑުއެއްސެވުމުގެ ގާބިލުކަން މަޖިލީހުގެ ރައީސްގެ ހުންނަން ވާނެ ކަމަށެވެ.

މާލެ: ޖޫން 8، 2019- އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މޯދީއަށް މަރުހަބާ ދަންނަވާ ސަލާމްކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުޅި މަޖިލިސް ކޮމިޓީގައި އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު ކުރެއްވި އެއް ސުވާލަކީ ޗައިނާ އިން ނަގާފައިވާ ލޯނުތައް ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާނީ ކިހިނެތްތޯ އާއި އެ ހާލަތުގައި ޗައިނާ އިން ރާއްޖޭގެ ބިންތަކަކާ ހަވާލުނުވާނެތޯ އެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތަކުރާރުކޮށް އެސުވާލު ކުރެއްވި އެވެ.

ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރަށް އީވާ ތުހުމަތު ކުރެއްވި ގޮތުގައި އެ ބޭފުޅުން ވަނީ ޗައިނާގެ ދަރަނީގެ މަޅީގައި ރާއްޖެ ޖައްސައިފަ އެވެ. ޗައިނާ އިން ނެގި ލޯނުތައް ރާއްޖޭން ދެން ދައްކާނީ ކޯއްޗެއް ވިއްކާފައިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ނުދެއްކުނީމާ ޗައިނާ އިން ހަދާނެ ގޮޮތެއް އޮންނާނެ. އެއީ އައިސް އަޅުގަނޑުމެންގެ ރައުސްމާލާ ޗައިނާ އިން ހަވާލުވާނެ،" އީވާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުން ފާޅުކުރައްވާ ކަންބޮޑުވުމަކީ ޑްރާމާއެއް ކަމަށެވެ.

"އިއްޒަތްްރެރި ރައީސް ވެސް އަދި އެތައް އިއްޒަތްތެރި މެމްބަރުން ވަރަށް ގިނަ ސުވާލުތައް އެބަ ކުރުމަތިކުރައްވާ ޗައިނާ އަށް ދިވެހި ދައުލަތް ދަރުވާލި ވާހަކަ. ޗައިނާގެ އަތުން މިވެނި ވަރަަކަށް ލޯނު ނަގައިގެން ޗައިނާ އަށް ދިވެހިރާއްޖޭގެ ދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ދޭން ޖެހޭ ވާހަކަ،" ތޯރިގު ވިދާޅުވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނެއް ޑިފޯލްޓް ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.