އާދަމް ހަލީމްއާ ދެކޮޅަށް 73 ނޫސްވެރިޔަކު ޕެޓިޝަނެއް ހުށަހަޅައިފި

އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތައް ބަލައި އެ ކަންކަން ސާބިތުވާ ނަމަ އަދަބު ދިނުމަށާއި އޭނާ އަށް ދީފައިވާ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން އަތުލަން ގޮވާލައި 73 ނޫސްވެރިޔަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ކަމާބެހޭ މުއައްސަސާތަކަށް އިއްޔެ ހުށަހަޅައިފި އެވެ.


ރައީސް އޮފީހާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕޮލިހާއި ހޯމް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އަށް އެ ޕެޓިޝަން ހުށަހެޅީ "އަވަސް"ގައި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް އާދަމް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ދެ އަންހެނަކު މި ފަހުން ޓްވީޓްކޮށްފައި ވަނިކޮށެވެ.

މީޑިއާގެ 19 ތަނެއްގައި މަސައްކަތްކުރާ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ "އެކަކަށް ވުރެ ގިނަ ފަރާތްތަކަކުން ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާމެއްގައި ހުރި ފަރާތަކާ މެދު މިފަދަ ތުހުމަތެއް ކުރުމަކީ އަޅުގަނޑުމެން ނޫސްވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ.

އާދަމްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެނީ އޭނާ ކުރިން ވީމީޑިއާގައި މަސައްކަތްކުރެއްވި އިރު އެ ތަނުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، ކޮއްޕާ ސިޑިއެއްގެ މައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރިން އާއްމުވެފައި ވަނިކޮށްކަން ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

މި ޕެޓިޝަން ހުށަހެޅުމާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ބެހޭގޮތުން "މިހާރު"ން އާދަމްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

"'އަވަސް އޮންލައިން'ގައި މަސައްކަތްކުރާ އަންހެން ނޫސްވެރިންނަށާއި އަދި މި ދާއިރާ އިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ނޫސްވެރިންނަށް ވެސް މިއީ ބިރެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި މިއީ މި ދާއިރާ އަށް އޮތް އިތުބާރާއި ދާއިރާއާ މެދު އާއްމުން ދެކޭ ގޮތާ މެދު ޝައްކު އުފެދޭނެ ފަދަ ކަންތައްތަކެއް ކަމުގައި ގަބޫލުކުރަމެވެ."

ޕެޓިޝަން ތައްޔާރުކޮށް ހުށަހެޅުމުގައި އިސްކޮށް އުޅުނު ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް ބުނިގޮތުގައި ޕެޓިޝަނަށް ނޫސްވެރިންގެ ސޮއި ހޯދަން އުޅުނު އިރު އިތުރު ނޫސްވެރިން ވެސް އާދަމްގެ މައްޗަށް ފުރައްސާރައިގެ ތުހުމަތުކޮށް ވާހަކަދެއްކި އެވެ.

"އެކަކަށް ވުރެ ގިނަ މީހުން އެހާ ސީރިއަސް ތުހުމަތުތަކެއް ކުރަންޏާ މިއީ ވަރަށް ބޮޑު މައްސަލައެއް. މި ކަންތައްތައް ބަލާ ފިޔަވަޅުއެޅެން އެބަ ޖެހޭ،" މުޒައްޔިން ބުންޏެވެ.

"އަހަރެމެން ބޭނުމެއް ނުވޭ އިތުރު އެހެން ނޫސްވެރިޔަކަށް މި ކަހަލަ ކަމެއް ކުރިމަތިވާކަށް. ވަޒީފާގެ މާހައުލެއްގައި އެ ގޮތަށް ވާހަކަދައްކައި އެ މީހަކު ބޭނުން ނުވާ ހިނދެއްގައި ގައިގައި އަތްލައި އެ ގޮތަށް އެކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

މުޒައްޔިން ބުނީ ޕެޓިޝަން ހުށަހެޅީ މީޑިއާގެ އިދާރާތަކުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ އިތުރުން އާދަމް ފަދަ، ޝަރަފްވެރި އެވޯޑްތައް ލިބިފައިވާ މީހަކާ މެދު މިފަދަ ތުހުމަތުތަކެއް ކުރެވުމަކީ ސީރިއަސް ކަމެއްކަން އަންގައިދޭން ކަމަށެވެ.

މިފަދަ ތުހުމަތުތައް ކުރެވޭ މީހުންނަށް އެވޯޑްތައް ނުލިބޭނެ ގޮތާއި ފަހުން ތުހުމަތެއް ކުރެވުނަސް އެވޯޑް އަތުލެވޭނެ އުސޫލެއް ހަދަން ފެޓިޝަންގައި އެދި ނޫސްވެރިން ވަނީ އާދަމް އަށް ސަރުކާރުން ނޫސްވެރިކަމުގެ ރޮނގުން 2010ގައި ދީފައިވާ ގައުމީ އިނާމާއި މީޑިއާ ކައުންސިލުން 2018ގައި ދީފައިވާ ނޫސްވެރިކަމުގެ ރަން ގަލަން އަތުލަން ގޮވާލައިފަ އެވެ.

"މި ދާއިރާގެ އަގު ހިފެހެއްޓުމަށްޓަކައި ވެސް އެއީ ވަރަށް މުހިއްމު ކަމެއް. އަނެއްކާ އޭނާ އަށް އެވޯޑު ދީފައި ވަނީ ވެސް ކުރިން އަނިޔާގެ ތުހުމަތުތަކެއް ކުރެވި ވީޑިއޯ ވެސް އާއްމުވެފައި ވަނިކޮށް،" މުޒައްޔިން ބުންޏެވެ.

އާދަމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ޓްވިޓާގައި ވާހަކަދައްކާފައިވާ އެއް އަންހެނަކު ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގައި ކިތަންމެ އުޅޭ ހިތް ވިޔަސް އެ ތަޖުރިބާގެ ސަބަބުން އޭނާ ވަނީ މި ދާއިރާ ދޫކޮށްލައިފަ އެވެ.

ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ދެމިތިބުމަށް އަންހެނުންނަށް "އިންތިހާ އަށް ހިތްވަރުދޭން ޖެހޭ އިރު" މި ދާއިރާގެ ތަޖުރިބާކާރު މީހަކު މަސައްކަތު މާހައުލުގައި އަންހެނުންތަކަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރެވޭތީ ކަންބޮޑުވާ ކަމަށެވެ.

"'އަވަސް އޮންލައިން'ގައި މަސައްކަތްކުރާ އަންހެން ނޫސްވެރިންނަށާއި އަދި މި ދާއިރާ އިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ނޫސްވެރިންނަށް ވެސް މިއީ ބިރެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި މިއީ މި ދާއިރާ އަށް އޮތް އިތުބާރާއި ދާއިރާއާ މެދު އާއްމުން ދެކޭ ގޮތާ މެދު ޝައްކު އުފެދޭނެ ފަދަ ކަންތައްތަކެއް ކަމުގައި ގަބޫލުކުރަމެވެ،" ޕެޓިޝަނުގައިވެ އެވެ.