އިންޑިޔާ އިން 250 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިިޔާ) ގެ ލޯނެއް ދޭން އިންޑިޔާ އިން ނިންމައިފި އެވެ. އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ.


މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި ރާއްޖެ އަށް އެ ލޯނު އެހީ ދޭން ނިންމިކަން އިއުލާނުކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސްގަ އެވެ.

ބަޖެޓު ސަޕޯޓުގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ވެސް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ވަނީ ނިންމައިފަ އެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން އަޅާ ބްރިޖުގައި 6.6 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭތައް ހިމެނޭނެ އެވެ. އެކަންކަމުގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އެތެރެކުރަން އިންޑިއާއިން ދީފައިވާ ކޯޓާ ވެސް އިތުރުކޮށްދީފައި ވެ އެވެ.

މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދީފައި ވެ އެވެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ހިމެނެ އެވެ.

މިހާތަނަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކެވެ.

މާލީ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ލިބިފައިވަނީ ވޯލްޑް ބޭންކުންނެވެ. ވޯލްޑް ބޭންކުން ގާތްގަނޑަކަށް 31 މިލިއަން ޑޮލަރު (470 މިލިއަން ރުފިޔާ) ދީފައިވެ އެވެ.

މާލީ އެހީގެ އިތުރުން ބައެއް ގައުމުތަކުން ވަނީ އެހެނިހެން ތަކެތި ވެސް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިޔާއިންނެވެ.