ވޯޓާ ގުޅިފައި ވަނީ ފައްޔާޒު "ބްރޯ"އަކަށް ވުމުގެ ބިރު؟!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީގެ ތެރޭގައި، "ބްރޯ"އަށް ވެގެން އުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި ވަނީ އެ ސަބަބު ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުގައި އިއްޔެ ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރު ކުރައްވާ އަދި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރަން ސޮއި ހޯދަން ފެށުމާ އެކު، އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތުން އުފެއްދި ސުވާލުތައް ގިނަ އެވެ. ކޯލިޝަން ސަރުކާރުގެ ކެބިނެޓުގައި ފައްޔާޒަށް ވުރެން ޕާފޯމަންސް ދަށް ވަޒީރުންތަކެއް ތިއްބެވި އިރު އޭނާގެ ފަހަތުން ދިއުން ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނަށް ގަބޫލެއް ވެސް ނުކުރެއްވުނެވެ.

އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހާއި ފައްޔާޒު އިސްމާއިލް ވަޑައިގަންނަވަނީ --ފޮޓޯ/މިހާރު

މި ވޯޓާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ބައި ބެހިފައި އޮތް ގޮތް އާއްމުންނާ ހަމައަށް ތިލަވެ، ސޯޝަލް މީޑިއާގައި ބައެއް މެމްބަރުންގެ އުދާސްތައް ބޭރުކުރައްވަމުން ގެންދަވަނިކޮށް، ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒަށް ތުހުމަތުތަކެއް ކުރައްވައި ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ނަޝީދުގެ ތުހުމަތާއި ފައްޔާޒު ދެއްވި ޖަވާބުތަކުގެ ސްކްރީންޝޮޓްތަކެއް ލީކްކޮށްލާފައިވާ އިރު އެއީ ސައްހަ މެސެޖްތަކެއް ކަން އެމްޑީޕީގެ ބައެއް މެމްބަރުން "މިހާރު"އަށް ކަށަވަރު ކޮށްދެއްވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި ފައްޔާޒް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގައުމީ މަޖިލީހުގެ ގްރޫޕްގައި ވާހަކަތަކެއް ދެކެވެނިކޮށް ނަޝީދު ވިދާޅުވީ "ފަޔާ ވެސް މި ޕާޓީގެ ތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ" ކަމަށެވެ. ފައްޔާޒު ވެސް އުޅުއްވަން ޖެހިވަޑައިގަންނަވަނީ ނިޒާމުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު "ބްރޯ" އަކަށް ވާން އުޅުއްވާ ކަމުގެ ތުހުމަތު ނަޝީދު ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބްރޯ ނިސްބަތް ކުރެވުނީ ކުރު މުއްދަތަކުން ސިޔާސީ ބާރުވެރިކަން ހޯއްދަވައި ކޮރަޕްޝަނާއި ރިޝްވަތުން ނިޒާމުތަކަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސަކަށް ހުންނަވައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގަވައި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި އެހެން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ދެއްވައި މުޅި ނިޒާމު ކޮންޓްރޯލް ކުރެއްވި ކަމުގެ ތުހުމަތު ތަހުގީގީ އިދާރާތަކުން އޭނާގެ މައްޗަށް ކުރެ އެވެ.

މަޖިލީހުގެ ވޯޓުތައް ވެސް ކުރިއަށް ގެންދެވީ އަދީބު ބޭނުންވާ ގޮތަކަށް ކަމުގެ ތުހުމަތު ކުރެވުނެވެ.

ނަޝީދުގެ މެސެޖްތަކުގައި ފާޅުކުރައްވާފައިވާ ކަންބޮޑުވުމަކީ ފައްޔާޒު ވެސް އެފަދަ ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮންޓްރޯލް ކުރައްވާ ބޭފުޅަކަށް ވެވަޑައިގެންފާނެ ކަމުގެ ބިރެވެ. "ބްރޯ"އެއް އުފެދި އެމްޑީޕީ އެއް ފަރާތްކޮށް، އެ ޕާޓީގެ ކަންކަން އެ މަގަށް ދޫވާން ބޭނުންފުޅު ނުވާ ކަމަށް ވެސް މެސެޖްތަކުގައި ނުސީދާކޮށް ނަޝީދު ވިދާޅުވެފައިވެ އެވެ.

"މި ފެންނަނީ ފަޔާ މީހުންނަށް ބޮޑު ދައްކައި ނުފޫޒު ފޯރުވައި ކޮންޓްރެކްޓް ދީ ހުރިހާ ތަނަކަށް އައި ލަސްތަން. އެހެނެއް މިކަމެއް ނުވާނެ،" ތުހުމަތަކާ އެކު ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު

ޕީޕީއެމްގެ މެމްބަރުންނަށް ފައްޔާޒު އެހެން މެމްބަރަކު މެދުވެރިކޮށް ގުޅުއްވައި "ގަތް ގަނޑު" އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ވާހަކަފުޅެއް ކަން ސާފެއް ނޫނެވެ.

ނަޝީދުގެ ތުހުމަތުތަކަށް އެ ގުރޫޕްގައި ފައްޔާޒު ރައްދު ވެސް ދެއްވި އެވެ.

އޭނާ ވިދާޅުވީ ނަޝީދަށް އިހްތިރާމު ކުރައްވާ ކަމަށާއި އެކަމަކު ހަގީގަތާ ޚިލާފު ވާހަކަތަކެއް ވިދާޅުވުމަކީ ވަރަށް ބޭއިންސާފު ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވި ވާހަކަފުޅު ސާފުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަދި ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ ސާފުކޮށް އަޅުގަނޑުގެ ބޮލުގައި ކަނޑައެޅިގެން ދޮގު އިލްޒާމްތަކެއް ކަން ތި އަޅުއްވަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގާތް ގުޅުމެއް ފައްޔާޒު ބާއްވާ ކަމަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅޭ ގޮތުން ފައްޔާޒު ވަނީ ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވައިފަ އެވެ. މެމްބަރުންނާ ގުޅުން އޮންނަ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ބިލެއް ފާސްކުރަން ނުވަތަ އެ ނޫން ވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދަން މަގުފަހިކުރަން ކަމަށް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތައް ފަދަ ތަންތަނަށް އައްޔަން ކުރައްވަން ރައީސް ބޭނުންފުޅުވާ ބޭފުޅުންނަށް ތާއީދު ދެއްވަން ވެސް މެމްބަރުންގެ ގާތުގައި އެދިވަޑައިގަންނަވާ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ފައްުޔާޒް ވިދާޅުވީ، ވަޒީރެއްގެ ގޮތުގައި ހުންނަވައި ސަރުކާރު ތަމްސީލް ކުރެއްވުމަކީ ގޯހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާތީ އެ ނިޒާމު ހިނގާ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ގާނޫނާ ޚިލާފު ކަމަކަށް އެއްވެސް މެމްބަރެއްގެ ގާތު އޭނާ ވިދާޅުވެފައި ނޯންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒަށް ތުހުމަތުތަކެއް ކުރެއްވުމުގެ ކުރިން މިދިޔަ ބުރާސްފަތިދުވަހު ހެނދުނު ގްރޫޕްގައި ނަޝީދު ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ސަރުކާރަށް ދޮޅު އަހަރުވި އިރު ވެސް އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއިކޮށްފައި ނުވުމެވެ. ގުޅިފަޅުގެ މަޝްރޫއު ޑިޒައިންކޮށްފައި ވަނީ ވެސް މާލޭގެ މީހުންނަށް ފައިދާނުވާ ގޮތަށް ކަމަށާއި ފެންނަ މަންޒަރަކީ ޕާޓީ އަދި ސަރުކާރު ރައްޔިތުންނާ ދުރުވާ ތަން ކަމަށް ވިދާޅުވި އެވެ.

އެހެން މެސެޖެއްގައި ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ދައްކަވާފައިވާ ވާހަކަތަކަކާ މެދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ އެވެ. އެކަން އެ މަނިކުފާނަށް ކަށަވަރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވާ ބޭސް އާއި ނެޓްވޯކް ނުހެދޭނެ. އެމްޑީޕީ އެއްކައިރި ނުކުރެވޭނެ. ފަޔާގެ އިތުބާރު ނެތް ކަމަށް 30 އެމްޕީއަކު ބުނީމާ ދެން ދިމާކުރަންވީ އެމްޕީންނަކާ ނޫން. އަޅުގަނޑު ވެސް މި ނުކުތީ،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހުސެއިން އަކާ ވެސް ބެހިގެން ނުވާނެ އެވެ. ހުސެއިން ކަމަށް ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަށް ކަމަށް ބެލެވެ އެވެ.

ނަޝީދުގެ މެސެޖުގައި އިޝާރާތް ކުރެއްވީ އެމްޑީޕީ އަށް ރައްޔިތުން 65 ގޮނޑި ދިނީ ވެރިކަން ހިންގަން ރައީސަށް ދަތިކުރަން ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ ޓުވިޓާގައި ދެއްކެވި ވާހަކަތަކަށް ކަމަށް ބެލެވެ އެވެ. ރޮޒައިނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީއަކީ ވަކި ބައެއްގެ އެއްޗެއް ކަމަށް، ބައެއް މީހުންނަށް ހީވެ އެވެ. އެ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ބޮޑުންގެ މިސްރާބު ހުރީ ޕާޓީ ފުނޑައިލުން ކަމުގެ ތުހުމަތާ އެކު ޕާޓީގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އަށް ނަޝީދު ރައްދު ދެއްވުމުން ފައްޔާޒު އެދިވަޑައިގަތީ އޭނާ މަގާމުން ދުރުކުރުމުގެ މައްސަލައަކީ ގައުމީ މަޖިލީހުގެ ގްރޫޕްގައި ނުތަނަވަސްކަން އުފެދޭ ކަމަކަށް ވިޔަ ނުދޭށެވެ.

"މިއަދު މި ފެންނަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ޖާގަ ލިބެމުންދާތަން. މިއީ އަޅުގަނޑުމެން އެންމެން މަސައްކަތްކުރި އެންމެ މުހިއްމު މަސައްކަތް. ސިޔާސީ ގޮތުން އެ ބަޔަކު އެ ވަގުތެއްގައި ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ކުރަން ޖެހޭނެ. އެ ކަންކަމަށް ޖާގަ އޮންނަން ޖެހޭނެ،" ފައްޔާޒްގެ މެސެޖްގައިވެ އެވެ.

"އަޅުގަނޑުގެ ނޯ ކޮންފިޑެންސްގެ މައްސަލަ ތަގުދީރުގައި ލިއެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެ."