ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އަލީ ވަހީދު (ކ) އަދި ހެލްތު މިނިސްޓަރު އަމީން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިއަސް ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފި ނަމަ އެ ބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް، އެ ޕާޓީން މިއަދު ބުނެފި އެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކާ ދޭތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާ ފިޔަވަޅުތަކާ މެދު އެ ޕާޓީން ގޮތް ކިޔައި ނޫޅޭ ކަމަށެވެ. އަދި ރައީސް އެފަދަ ފިޔަވަޅެއް އަޅުއްވާނީ ވެސް ބައްލަވަން ޖެހޭ ވަރަށް ބެއްލެވުމަށްފަހުގައި ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު އެހެން ވިދާޅުވީ، ޖޭޕީއަށް ކަނޑައަޅާފައިވާ ދެ މިނިސްޓްރީއަކާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެންނެވެ.
ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މި ނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
އެކަން ހިނގިއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހު ރައީސް ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓުން ވަނީ ހާމަވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފަ އެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފް އެތައް ކަމެއް ހިންގައި، އޮޅުވާލާފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމަށް ވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލައިފަ އެވެ.
އަލީ ސޯލިހު ވިދާޅުވީ އެފަދަ ކަންކަން ބެލޭނެ ގާނޫނީ ނިޒާމުތައް ހުރިއިރު އެފަދަ މައްސަލަތަކުގައި އަޅަން އަންގާ ފިޔަވަޅުތަކާ މެދު ވެސް ބަހެއް ބުނަން އޮތް ކަމަކަށް ނުދެކޭ ކަމަށެވެ.
"އެފަދަ ކަންކަން ބެލޭނެ ގާނޫނީ ނިޒާމުތައް ހުރިއިރު އެ ފަރާތަކުން ބަލަންްޖެހޭ ކަންކަން ބަލައި އަދި އެ އިރަކަށް އަޅަންޖެހޭ ފިޔަވަޅެއް ވިއްޔާ އަޅަން އަންގަން އޮންނަ ފަރާތަކަށް އަންގައިގެން ކުރާކަންކަމާ ވެސް ޖޭޕީއަކުން ބަސްބުނަން ޖެހޭ ކަމެއް އޮތްކަމަށް ނުދެކެމެވެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
"ވީމާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިއްބެވި ޖޭޕީ ބޭފުޅުން ގަވާއިދާ ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ނަމަ އެކަމެއްގައި ނިންމާ ނިންމުމެއް ނުވަތަ އަޅާ ފިޔަވަޅެއް ވިއަސް ޖޭޕީ ނޫން އެހެން ޕާޓިއެއްގެ ބޭފުޅަކު އެފަދަ ކަމެއް ކުރެއްވިއަސް އެ ކުރައްވާ ބޭފުޅަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް ދެކެމެވެ،"
އޭނާ ވިދާޅުވީ ޖޭޕީގެ ފަރާތުން ނަން ފޮނުވާ ބޭފުޅަކު މަގާމަކަށް އައްޔަންކުރުމަށްފަހު އެ ބޭފުޅަކު ސަރުކާރުގައި އަދާކުރާ މަސްއޫލިއްޔަތު ބަލައި މޮނީޓާނުކުރާ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޝައިޚް.
18 August 2020
އަދި މިހާތަނަށް މިސަރުކާރުތެރެއިން ވައްކަމައް ޝައްކުކުރެވުނީ ހުސް ޖޭ.ޕީ މީހުން، އެހެން ނުވާންވީ ސަބަބެއް ނެތް، އަދި އެހެން އިދާރާތަށް ވެސް އޮޑިޓް ކޮއްލީމަ އެނގޭނީ، ޖޭ.ޕީ އަކީ ކަމުގެ ތަޖުރިބާހުރި ޕާރޓިއެއް، ލީޑަރަކީ އެކަމުގެ މާހިރެއް.
އަދުރޭއަ
18 August 2020
ތިޔަ ޕާޓީ އާ އެންޑީޕީއާ ޕީޕީއާ އުވާލާ. ގައުމަށް ވަރަށް އަރާމު ހަމަޖެހުމެއް ލިބޭނެ. ދެން އަދާލަތު އެއީ ޕާޓީއެއް ނޫން. އެއީ ދީނީ ޖަމިއްޔާއެއް.
ކައުންސިލަރ
18 August 2020
ހެލްތް މިނިސްޓްރީގައި މީގެ ކުރީގެ ސަރުކާރުންވެސް ބޮޑެތި ވައްކަންތައް ކޮއްފައިވޭ. މިކަންވެސް އަދި، ކުރީގެ ކަންކަންވެސް އޮޑިޓްކުރެއްވުން ވަރަށްބޮޑަށް އެދެން.
ހަސަނު
18 August 2020
ތިޔަ ޕާޓީން މުޅިންވެމުޅިންވެސް މިފެންނަނީ ޖީބު ފުރާލަން ދަރުކާރާ ގުޅުނު މީހުން... ހައްތަހާވެސް ތިޔަ ޕާޓީން...
ވޭޓަރުސޮރު
17 August 2020
ސާބަސް ލީޑަރ ގާސިމް
ތެދުވެރިޔާ
17 August 2020
މަވެސް ނުލާނަން.
އެމްޑީޕީމީހާ
17 August 2020
އަޅުގަނޑު ޖޭޕީއަކަ ދެނެ ދުވަހަކުވެސް ވޯޓެއް ނުލާނަން ދެނެ.
ހައްވާޅު ގޯތި
17 August 2020
ކާށި ބަސްތާނެގިމީހާ އޮތީޖަލުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގެ ބަޖެޓުން މިލިޔަނުން މިލިޔަނުން ހިޔާނާތްތެރިވި ވަޒީރު އަރާމުގައި ކަމެއްވީހެންވެސް ހީނުވޭ !
މުދިމު ކަތީބު
17 August 2020
ވެންތިލޭޓަރު އެޑްވާންސް ގޮތުގައި ދެއްކި 30 މިލިޔަން ރުފިޔާގެ އިތުރުން ސިއްހީ އެހެނިހެންތަކެތި ހޯދުމަށް އެސްޓީއޯއަށް ދެއްކި 32 މިލިއަން ރުފިޔާ އިން އެތެރެކުރި ސާމާނުގެ ތެރޭން އޮޑިޓުން ފެންނާން އޮތީ ބޮލުގައި އަޅާ 2000 ސާޖިކަލް ރަބަރު ކޮތަޅު ބޮނޑިޔެއް މި ތަކެތީގެ ބާޒާރު އަގަކީ 150 ޔޫސްއެސްޑަރު . . މިއީ އަދި ކުޑަކުޑަ އޮޑިޓެއް ! ކުއްލި ހާލަތުގައި ބޭނުންކުރުމަށް 62 މިލިއަން ރުފިޔާ ދައުލަތުން ހޭދަވީއިރު ލިބުނީ ބޮލުގައި އަޅާ 2000 ރަބަރު ކޮތަޅު.
ކަލްދޯބަޖޭ
17 August 2020
ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓުން ވަނީ ހާމަވެފަ އެވެ. މިއަދު މިވާހަކަ އަޑު އިވުނީމާ ގަންނަނީ ލަދު ކޮވިޑްތެރޭގަ ސުވާލް ކުރިވަރ އެނގޭނެ ރިކޯޑިންގް ތައް ބެއްލެވީމަ އަމިއްލަނަފްސައް ލޯއްބެއް ނެއްބަޔަކު ގައުމައް ވާނެ ލޯއްބެއް ނޯންނާނެ