އެޗްޕީއޭގެ ހުއްދަ ނެތި މާފުއްޓަށް ދިއުމުން ވަކީލުންނަށް ޔާމީނާ ބައްދަލެއް ނުވި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރަން އެ މަނިކުފާނުގެ ވަކީލުން މިއަދު މާފުއްޓަށް ވަޑައިގެން އިރު އެޗްޕީއޭގެ ހުއްދަ ނެތުމުން ޔާމީނާ ބައްދަލު ނުވި ކަމަށް ވަކީލުންގެ ޓީމުން ބުނެފި އެވެ.


ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގައި، އެއް ރަށުން އަނެއް ރަށަށް މީހުންނަށް އަރައި ފޭބޭނީ އެޗްޕީއޭގެ ހުއްދަ އޮވެގެންނެވެ. ޔާމީނާ ބައްދަލުކުރަން ވަކީލުންނަށް ކަރެކްޝަންސުން ހުއްދަ ދިން ނަމަވެސް އެޗްޕީއޭގެ ހުއްދަ އޮތީ ނުނަގަ އެވެ. ވަކީލުން ވިދާޅުވަނީ އެއީ ކަރެކްޝަންސުން ނަގަންޖެހޭ ހުއްދައެއް ކަމަށެވެ.

ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އާދަމް ޝަމީމް ވިދާޅުވީ ޔާމީނާ ބައްދަލުކުރުމުގެ ހުއްދަ ލިޔުމުން ދިން ނަމަވެސް އިންތިޒާމުތައް ހަމަޖައްސާފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެނގުނީ ވެސް ދަތުރުގެ މެދުތެރެއިން ކަމަށެވެ.

"ދަތުރުގެ މެދަކާ ހިސާބުން އައި ފޯނު ކޯލެއް، މާފުށީ ޕޮލިސް ސްޓޭޝަނުން ގުޅާފައި ބުނީ މާފުށީ ކައުންސިލުން އެބަ އޮތޭ މައްސަލަ ހުށަހަޅާފައި ހުއްދަ ނުހޯދާ ތިޔަ ބޭފުޅުން މާފުއްޓަށް އަރަން އަންނަ ކަމުގެ،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިއަދު ބައްދަލުކުރަން ދާން އަންގައި ކަރެކްޝަނުން ލިޔުމެއް ފޮނުވާފައިވާއިރު ހުއްދަ ނުހޯދާ އޮތް ކަމެއް އަދި ހުއްދަ ހޯދަންޖެހޭ ކަމެއް ވެސް އަންގާފައި ނުވާ ކަމަށެވެ.

ވަކީލުންނަށް ބައްދަލުކުރުމަކީ އަސާސީ ހައްގެއް ކަމަށް ވާއިރު އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ މި އުސޫލުން ނޫން ކަމަށާއި ގައިދީއާ ހަމަ އަށް ދާންޖެހޭ ހުރިހާ ހުއްދައެއް ކަރެކްޝަނުން ހޯދައިދޭން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުށީ ފުލުހުންނާ ވާހަކަދެއްކުމުން މަޑުކޮށްލުމަށް ބުނުމަށް ފަހު "ރަނގަޅީ ހުއްދަ ނަގައިގެން އައިއްޔާ" ކަމަށް ބުނި ކަމަށެވެ. މިކަމަށް މާފުށީ ފަޅުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުޝ މިއަދު ވިދާޅުވެފައިވަނީ ޔާމީންގެ ވަކީލުންނާ ބައްދަލު ނުވަނީ ވަކީލުން ބައްދަލުކުރަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް ވަކީލުންގެ ޓީމުން ވަނީ މިކަން ވެސް ދޮގުކޮށްފަ އެވެ.

ވަކީލް ޝަމީމް ވިދާޅުވީ ޔާމީނާ ބައްދަލުކުރަން އެދި ފޯމު ލާން ތިން ފަހަރު މަސައްކަތްކޮށްގެން ފޯމު ލެވުނީ މި މަހު ހަތަރެއްގައި ކަމަށެވެ.

"އެހެންނަމަވެސް ޖުލައި 23 އާއި 28 ގައި ފޯމުލާން ދިއުމުން މާލެ ޖަލުން އަންގާފައި ވަނީ ރައީސް ޔާމީނާ ބައްދަލުކުރެވޭނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑު އެހުމުގައި ހައި ކޯޓުން ވެސް ވަނީ ވަކީލުންނާ ސީދާ ބައްދަލުވާނެ ގޮތް ހަދައިދިނުމަށް އަންގާފައި ކަމަށެވެ. އަދި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް އެކަން ކުރާނެ ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރާއްޖޭގައި އުސޫލުތައް އޮންނަ ގޮތުން ވަކީލާއި މުވައްކިލު ބައްދަލުކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ އުސޫލުގައި ވެސް ނެތް ކަންތައްތަކެއް ވަކި ހާއްސަ ގައިދީއަކަށް ކޮށްދޭން އުޅޭ ވާހަކަތަކެއް ދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއް ގައިދީއަކަށް ޖަލުގައި ބޮޑު މާސިންގާ ސްޓްރަކްޗާއެއް ހެދުމުގެ ގަވާއިދެއް ނުވަތަ އުސޫލެއް ނުއެއް އޮވޭ، އެހެންވީމަ ހޯމް މިނިސްޓަރު ބޭނުން ބައެއް ކަންކަމުގައި ވަކި ޓްރެކްތަކެއް ހެދޭ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ދައްކަނީ ވަރަށް އަސާސީ ހައްގެއްގެ ވާހަކަ،" ޔާމީނަށް ހާއްސަކޮށް ސްވިމިން ޕޫލެއް ޖަލުގައި ހަދަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޔާމީނާ ބައްދަލުކުރުމުގައި މިދިޔަ ދުވަސްތަކުގައި ގިނަ ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ހައި ކޯޓާއި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްސަލަތައް މިހާރު ކުރިއަށްދާއިރު ދެ ކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބައްލަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.