ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ، މިއީ 26 ވަނަ މަރު

ކޮވިޑް ޖެހިގެން ރާއްޖޭގައި އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ. މިއީ މި ބަލީގައި މަރުވި 26 ވަނަ މީހާ އެވެ. އަދި މިއީ ކޮވިޑް ޖެހިގެން މިއަދު މަރުވި ދެވަނަ މީހާ އެވެ.


އެޗްޕީއޭ އިން ބުނީ، މިރޭ އަށެއް ޖަހާކަންހާއިރު މަރުވީ، މިދިޔަ އާދިއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވި، މާލޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އުމުރުން 62 އަހަރުގެ ފިރިހެނަކު ކަމަށެވެ. އޭނާ އަށް ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލުގެ "ޑީއެޗް16" ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުން އައި، ސިފައިންގެ ކުރީގެ އޮފިސަރަކު ވެސް ރޭ ދަންވަރު ވަނީ އަވަހާރަވެފަ އެވެ. ސިފައިންގޭގައި 41 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ އުމަރު 82، އަވަހާރަވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ކޮވިޑްގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ކުއްލި ގޮތަކަށް އިތުރުވާން ފަށާފައިވާއިރު، މި މަހުގެ މިހާތަނަށް ވެސް 10 މީހަކު ވަނީ މަރުވެފަ އެވެ. އެ ބަލި ޖެހިގެން މިހާތަނަށް ރާއްޖޭގައި މަރުވި 26 މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 19 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕިންސްގެ މީހެކެވެ.

ކޮވިޑް ޖެހިގެން މިރޭ މީހަކު މަރުވި އިރު، މި އޮގަސްޓް މަހު ރާއްްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު އެހެން މަސްތަކާ އަޅާ ބަލާއިރު ގިނަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް 2،745 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެގޮތުން އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް އެކަނި ވެސް އަލަށް 194 މީހަކަށް ކޮވިޑް ޖެހުނެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއީ މި މަހުގެ މިހާތަނަށް ތިން ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. ޖުލައި މަހުގެ 29 އިން ފެށިގެން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި ޕޮޒިޓިވް ވީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު 243 މީހަކު ބައްޔަށް ޕޮޒިޓިވް ވި އެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 201 މީހަކަށް ބަލި ޖެހުނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 6،564 އެވެ. އޭގެ ތެރެއިން 3،915 މީހަކު ރަނގަޅުވި އިރު 26 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަަދަދަކީ މިހާރު 2624 އެވެ.