ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ރޭ ފަޅާލައި، އެ ތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕް ކުރިމަތީގައި ހުންނަ މއ. ޖަވާހިރިއްޔާގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު ކަމަށެވެ. ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ޔޫރޯ ސްޓޯރުގެ އޮފީސް ހިންގާ މއ. ޖަވާހިރިއްޔާގޭގެ ގޭޓު ކައިރީގައި ފުލުހުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ލަވާޒާ ކޮފީ އާއި އައިސް ކްރީމް ވިއްކުމަށް މަޝްހޫރު ޔޫރޯ ސްޓޯރުގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވަދެ ވައްކަން ކުރި މައްސަލައިގައި އެ އޮފީހުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް މިހާރު އޮންނަނީ ކާފިއު ހިންގައިފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އެޕޯލޯ ހޯލްޑިންސްގެ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކުރި އެވެ. އެކަމަކު އެ މައްސަލައިގެ މައުލޫމާތެއް އަދިވެސް ނުލިބެ އެވެ. ބަޔަކު ހައްޔަރުކުރި ކަމެއް، ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.