ދިރާގު އޮފީހަށް މާސްކު ނާޅައި ގަދަކަމުން ވަންނަން އުޅުނު މީހަކު ހައްޔަރުކުރުމަށް ފަހު، ދޫކޮށްލައިފި

ދިރާގުގެ ހެޑް އޮފީހަށް މާސްކު ނާޅައި މިއަދު ވަންނަން މަސައްކަތް ކުރި އަންހެނަކު ހައްޔަރުކޮށް، ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.


ފުލުހުން ބުނީ އުމުރުން 28 އަހަރުގެ އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާސްކު ނާޅައި، ދިރާގުގެ މައި އޮފީހަށް ވަންނަން އުޅެ، އަޑުގަދަކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ. އެކަމަކު އަޑުގަދަކުރުން ފިޔަވައި ހަމަނުޖެހުން ހިންގަން ކުރީ ކޮން ކަމެއްކަން ފުލުހުންނެއް ނުބުނެ އެވެ.

އެ އަންހެންމީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ދިރާގުގެ އޮފީހަށް ދިޔައީ، އޭނާ ނެގި ޑޭޓާ ޕެކޭޖެއް ބޭނުން ކުރަން ނުލިބި މާ އަވަހަށް ހުސްވުމުންނެވެ. އެގޮތުން، 10 ޖީބީ ޑޭޓާ އަޅައިގެން 48 ގަޑިއިރުގެ ތެރޭގައި ހުސްވި ކަމަށާއި ބޭނުންކުރީ އެންމެ 10 މިނެޓް ކަމަށް ސޯޝަލް މީޑިއާގައި އެ މީހާ ބުނެފައިވެ އެެވެ.

އެކަމަކު އޭނާ އެ ދެއްކި ވާހަކައަކީ ތެދެއްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުކުރެވެ އެވެ.

ރާއްޖޭގެ ދެ ޓެލެކޮމް އޮޕަރޭޓަރުން ވެސް އިންޓެނަށް ނަގާ އަގު ބޮޑުކަމުގެ ޝަކުވާ އާއްމުން އަބަދުވެސް ކުރެ އެވެ. އިންޓަނެޓް އަގުހެޔޮކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު، ދިރާގާއި އުރީދޫން ވެސް ގެންދަނީ އެކިއެކި ކަންކަމާ ގުޅުވައިގެން ބައެއް ޚިދުމަތްތަކުގެ އަގު ދަށްކުރަމުންނެވެ. އެކަމަކު، އެކަށީގެންވާ ވަރަށް އަދިވެސް އަގުތައް ދަށް ނުކުރެވޭ މައްސަލައިގެ ޝަކުވާ އަށް ހުއްޓުމެއް ނާދެ އެވެ.