ކޮރަޕްޝަނާ ދެކޮޅުކަން ޚާރިޖީ ޓީމުން ދެއްކީ ބަހާއި އަމަލުން: ޝާހިދު

ކޮވިޑް-19ގައި ފޮރިން މިނިސްޓްރީން ޚަރަދުކުރުމުގައި ގޯހެއް ހަދާފައި ނުވާ ކަން ޚާއްސަ އޮޑިޓުން އެނގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ "ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ މަތީގައި ދެމިތިބިކަން ބަހާއި އަމަލުން ޚާރިޖިއްޔާގެ ޓީމުން ދައްކައިދިނުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މުވައްޒަފުންނަށް ތައުރީފްކުރައްވައިފި އެވެ.


ފޮރިން މިނިސްޓްރީގެ ޚަރަދުތަކުގެ މައްޗަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ އެ މިނިސްޓްރީން ޚަރަދުކުރީ މާލިއްޔަތު ގާނޫނާއި ފިނޭޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ރިޕޯޓުގައި ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 އަށް އެ މިނިސްޓްރީ އަށް ލިބުނީ 10.1 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކޮވިޑާ ގުޅިގެން ފޮރިން މިނިސްޓްރީ އަށް ދައުލަތުން ކަނޑައެޅި 7.1 މިލިޔަން ރުފިޔާ އާއި ޒަކާތު ފަންޑުން ދޫކުރި ތިން މިލިޔަން ރުފިޔާ އެވެ.

ފޮރިން މިނިސްޓްރީގެ ހިސާބުތަކަށް ބިނާކޮށް، ކުރި އޮޑިޓުން އެނގޭ ގޮތުގައި އެ މިނިސްޓްރީއަށް ލިބުނު 10.1 މިލިޔަން ރުފިޔާގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ޚަރަދު ކޮށްފައި ވަނީ 7.3 މިލިއަން ރުފިޔާ އެވެ. ބާކީގެ ގޮތުގައި 2.8 މިލިޔަން ރުފިޔާ ހުއްޓެވެ.

އޮޑިޓް ރިޕޯޓް ނެރުމާ އެކު ޝާހިދު މުވައްޒަފުންނަށް ތައުރީފްކުރައްވައި ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ރިޕޯޓުން ހާމަވީ ކޮވިޑުގެ ނުރައްކަލުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވެ ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގައި ވެސް ޚާރިޖިއްޔާގެ ޓީމުން ދެއްކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަން ކަމަށެވެ. އޮޑިޓް ރިޕޯޓުގައި، ފޮރިން މިނިސްޓްރީގެ ޚަރަދުތައް ކުރީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ފިނޭންސްގެ އުސޫލްތައް އަދި ފޮރިން މިނިސްޓްރީގެ އުސޫލްތަކާ އެއްގޮތަށް ކަމަށް އޮތުމަކީ މުވައްޒަފުން ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ނުރައްކަލުގައި ގައުމުތައް ލޮކްޑައުންކޮށް ބޯޑަރު ބަންދުކުރުމާ އެކު ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ދަތިތައް ހައްލުކުރުމުގައި ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގައި ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވި އެވެ. ބޭރުގައި ހާލުގައި ޖެހުނު ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށާއި ރާއްޖެ އަށް ބޭނުންވާ އަސާސީ ބާވަތްތައް ކަމަށްވާ ކާޑާއި ހަކަތައިގެ ބާވަތްތަކާއި އެ ނޫން ވެސް ޒަރޫރީ ތަކެތި ހުސްނުވެ ރާއްޖެ އަށް ލިބޭނެ މަގުފަހިކުރަން ރައީސް އިރުޝާދުގެ ދަށުން ޚާރިޖީ ޓީމުން ކުރި މަސައްކަތް ޝާހިދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އެދިވަޑައިގަތީ ކުރިއަށް އޮތް ތަނުގައި ވެސް ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތަށް އިޖާބަދީ، ޚާރިޖީ ޓީމުން އެ ގޮތުގައި ދެމިތިބުމަށެވެ.

ކޮވިޑުގެ ޚަރަދުތައް ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ކުރީ ރަނގަޅަށް ކަމަށް އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުގައި ވަނީ ބޮޑެތި ޚިޔާނާތްތަކެއް ފެންމަތިވެފަ އެވެ. ހެލްތުގެ ހިޔާނާތާ ގުޅިގެން އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ފުލުހުންނާއި އޭސީސީ ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

އޮޑިޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޫކުރުމެވެ.