ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މުއްދަތު ގުނާނީ ދުބާއީ ކުންފުންޏަށް ފައިސާ ދައްކާ ނިމުމުން

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ބޭނުންކުރާ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު އެއްބަސްވުން ހަދާފައިވަނީ ކޮންޓްރެކްޓުގެ ޖުމްލަ އަގު ދެއްކުމުން ނޫނީ މުދާ ސަޕްލައިކުރުމުގެ މުއްދަތު ގުނަން ނުފަށާ ގޮތަށްކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ކޮވިޑް-19 ގައި ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވެދާނެތީ، ރާއްޖޭގައި ބަލީގެ ހާލަތު ސީރިއަސްވެގެން ހިނގައިދާނެ މިންވަރަށް ބަލައި 149 ވެންޓިލޭޓަރު ގެންނަން ހެލްތު މިނިސްޓްރީން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ތިން ކުންފުންޏަކާ ހަވާލުކޮށްފައި ވާއިރު ޚިޔާނާތަށް ތުހުމަތުކުރެވޭ ގިނަ މައްސަަލަތަކެއް އެ މިނިސްޓްރީގެ އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ވެސް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ކޮށްފައިވާ 34 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މުއާމަލާތާ ބެހޭ ގޮތުން ސީރިއަސް ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުންޏާ އޭޕްރީލް 2 ގައި ހަވާލުކުރީ 65 އައިސީޔޫ ވެންޓިލޭޓަރު 501،150ރ. ގެ މަގުން އަދި 10 ޕޯޓަބްލް ވެންޓިލޭޓަރު 192،750ރ. ގެ މަގުން 29 ދުވަސް ތެރޭގައި ގެނައުމަށެވެ. މި 75 ވެންޓިލޭޓަރަށް 34،502،250ރ. އަރަ އެވެ. މިހާތަނަށް އެޑްވާންސްގެ ގޮތުގައި 30،911،063ރ. ދައްކާފައި ވިޔަސް އެންމެ ވެންޓިލޭޓަރެއް ވެސް އަދި ނުލިބެ އެވެ. ރާއްޖޭގެ ދެ ކުންފުންޏަކާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން މެޑްޓެކުން ވަނީ ހުރިހާ ވެންޓިލޭޓަރެއް ގެނެސް ސަރުކާރާ ހަވާލުކޮށްފަ އެވެ. އަނެއް ކުންފުނި ކަމަށްވާ ނާޑުން އަދި ވެންޓިލޭޓަރު ސަޕްލައިއެއް ނުކުރެ އެވެ.

ދުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުން ލަސްވާ ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކި ގޮތަށް ޕްރެސް ކޮންފަރެންސްތަކުގައި ބުނެފައިވެ އެވެ. ކޮވިޑްގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރަށް ހުރަސްއެޅިފައި ވުމާއި ބޭނުންވާ ވައްތަރުގެ ވެންޓިލޭޓަރު ނުލިބިގެން އުޅެނީ ކަމަށް ބުނުމާއި ފައިސާ ދެއްކުމުގައި ވަކި ގޮތަކަށް އެއްބަސް ނުވެވިގެން އުޅެނީ ކަމަށް ބުނުން ފަދަ އެކި ސަބަބުތައް ކުރިން ދައްކާފައިވެ އެވެ.

ވެންޓިލޭޓަރު ސަޕްލައިކުރުމަށް އެއްބަސްވި 29 ދުވަސް ފަހަނަޅައި ހަތަރު މަސް ވެގެން ދިޔަ ނަމަވެސް އެއްބަސްވުން ހަދާފައި އޮތް ގޮތުން މި 29 ދުވަސް އެއްބަސްވުމާ އެއްގޮތަށް އަދިވެސް ގުނެން ނުފެށެ އެވެ. އެއީ ޕްރޮޖެކްޓުގެ އަގުން މިހާތަނަށް ދީފައިވަނީ 90 ޕަސެންޓް ފައިސާ ކަމަށް ވާތީ އެވެ. އޭގައި ބުނާ 29 ދުވަސް ގުނަން ފަށާނީ ބާކީ 10 ޕަސެންޓް ވެސް ދެއްކުމުންނެވެ. އެހެންވެ، ވެންޓިލޭޓަރު ސަޕްލައިކުރުން ލަސްވެގެން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ޖޫރިމަނާއެއް ދެއްކުން ފަދަ ކަމެއް ވެސް ކުރާކަށް ނުޖެހެ އެވެ.

ވެންޓިލޭޓަރު ގެނައުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުމަށް، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން ސަސްޕެންޑްކޮށް އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައި ވާއިރު މިއަދު ވަނީ އެ ހުރިހާ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށް ކަން ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ދުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް ބަލަންޖެހޭ ހިސާބަށް ނުދާ ކަމަށާއި މިހާރުވެސް އެ ތަކެތި ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްބަސްވުން އޮތީ އެއްކޮށް ފައިސާ ދެއްކުމުން މުއްދަތު ގުނާ ގޮތަށް ކަމަކަށް ވިދާޅެއް ނުވެ އެވެ.

އަމީންގެ އިތުރުން ބިޑް ކޮމިޓީގެ މެންބަރުން ކޮމިޓީ ވިދާޅުވެފައި ވަނީ ދުބާއީ ކުންފުންޏާ ޕްރޮޖެކްޓް ހަވާލުކުރީ އަމިއްލަ މަންފާއެއް ހާސިލްކުރަން ނޫން ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ހެޔޮ ނިޔަތުގައި، ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ މެދު އެ ބޭފުޅުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ދުބާއީ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ އޭޕްރީލް 2 ގައި ކަމަށް ލިޔެކިޔުންތަކުން އެނގެ އެވެ. ހަމަ އެ ދުވަހު ޕްރޮޖެކްޓުގެ 75 ޕަސެންޓަށްވާ 25،759،219ރ. ދައްކާފައިވާ ކަމަށާއި އޭގެ ފަހުން ފުރަތަމަ ޝިޕްމަންޓް ރާއްޖެ އަށް ފޮނުވަން ކަމަށް ބުނެ ޕްރޮޖެކްޓުގެ 15 ޕަސެންޓަށްވާ 5،151،844ރ. އޭޕްރީލް 27 ވަނަ ދުވަހު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެއްބަސްވުމުގައި ސޮއިކުރީ އޭޕްރީލް 2 ގައި ކަމަށް އޮތަސް، އެއްބަސްވުމުގައި ސޮއިކުރަން އެއްބަސްވުން އީމެއިލް ކުރީ ވެސް އޭޕްރީލް 15 ގައި ކަމަށް ވަނީ އެނގިފަ އެވެ. އެހެންވެ ފައިސާގެ ފުރަތަމަ 75 ޕަސެންޓް ދޫކޮށްފައި އޮންނާނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިންނެވެ.