ކޮވިޑް-19 ގެ ލެވެލް އޮތީ ނުވައެއްގައި، 10 އަށް އެރުމުން ލޮކްޑައުންއަކަށް ދާން ޖެހޭނެ: އެޗްއީއޯސީ

ކޮވިޑް-19 ގެ ރާއްޖޭގެ ލެވެލް މިދިޔަ ހަފުތާގައި އޮތީ ނުވަ ވަނައިގައި ކަމަށާއި 10 އަށް އަރައިފި ނަމަ، މާލެ ސަރަަހއްދު ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.


އެ އިދާރާ އިން ބޭއްވި މީޑިއާ ބްރީފިންގައި، ކޮވިޑާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެގްގެ އިސް މެމްބަރު އަދި އައިޖީއެމްއެޗުގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ވަކި ކަންތައްތަކަކަށް ބަލައިގެން ކޮންމެ ހަފުތާއަކު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ބެލުމަށް ސްކޯ ލެވެލްތަކެއް ދެމުންދާ ކަމަށެެވެ. އެ ބަލި ޖެހޭ މީހުންނާއި މަރުވި މީހުން މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ހަފުތާގައި އޮތީ ލެވެލް ނުވައެއްގައި ކަމަށާއި ލެވެލް 10 އަށް އެރުމުން ލޮކްޑައުންއަކާ ހަމައަށް އަނެއްކާވެސް ދާން ޖެހޭ ކަމަށެވެ. އެހެންވެ، ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ 10 އަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޯ ލެވެލް ކަނޑައެޅުމުގައި ބަލާނީ ފްލޫ ކްލިނިކްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތާއި ހޮސްޕިޓަލްތަކުގައި އެޑްމިިޓް ކޮށްގެން ފަރުވާ ދޭން އެނދުތައް ބޭނުން ކުރެވޭ އަދަދާއި ޕޮޒިޓިވްވާ ޖުމްލަ އަދަދު ދެ ގުނައަށް އިތުރުވާން ނަގާ މުއްދަތުގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކޭސްތަކާއި މަރުވާ މީހުންގެ އަދަދަށެވެ. އެކަމަކު ބަލި ޖެހޭ މީިހުން އެޑްމިޓް ކުރާނެ ތަނެއް ނެތުން ފަދަ ހާލަތެއް ކުރިމަތިވިޔަސް، އޮފީސްތައް ބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ 10 އަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި،" ---ޑރ. ޝަހީދު

"ލޮކްޑައުންއަކީ ލާސްޓް މެޝާއެއް ގޮތަށް ކޮންސިޑާ ކުރާނެ އެއްޗެއް. ވީހާ ވެސް ބޮޑަށް މި ބަލަނީ ލޮކްޑައުންއަކަށް ނުގޮސް ވޭތޯ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ފަރުވާ ދޭން އިތުރު ތަންތަނާއި މީހުން ބޭނުންވާތީ އަތޮޅު ތެރެއިން ނަރުހުންނާއި ޑޮކްޓަރުން މާލެ އަށް ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން، ހުޅުލޭ އައިލެންޑް ހޮޓެލް ކަރަންޓީން ފެސިލިޓީއަކަށް ހަމަޖެއްސުމާއި މާލެ ސަރަހައްދުން އިތުރު ހޮޓާތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ފިޔަވަޅުތަކާ އެއްގޮތަށް އާންމުން އަމަލުކޮށް، ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަންޖެހޭ ކަމަށެވެ. މާސްކު އެޅުމާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، 7،000 އިން މައްޗަށް ގޮސްފައިވާއިރު، އެ ބަލީގައި މަރުވި މީިހުންގެ އަދަދު ވެސް 28 އަށް ވަނީ އަރައިފަ އެވެ.