އިސް މުވައްޒަފަކު ވަކިކުރި މައްސަލާގައި ސުުޕްރީމް ކޯޓުން ވެސް ނިންމީ ބީއެމްއެލްއާ ދެކޮޅަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މުވައްޒަފެއް ކަމަށް ފާތިމަތު މަލީހާ ޖަމާލް ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑަޅައި، އޭނާ އަށް އަނބުރާ ވަޒީފާ ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.


ޖޫން، 2013 ގައި، ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑް މަލީހާ ވަޒީފާ އިން ވަކިކުރީ އެ ބޭންކުގެ ފަރާތުން އޭނާ އާއި އިތުރު ބަޔަކު އޮގަސްޓް، 2012 ގައި ކުރި ދަތުރެއްގެ ޚަރަދު އަނބުރާ ހޯދުމުގައި ނުކުރާ ޚަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެ އެވެ. ބޭންކުން ފުރަތަމަ ނިންމީ ފަހުގެ އިންޒާރު ދިނުމަށް ފަހު އެއް އަހަރުގެ މުސާރައިގެ ކުރިއެރުމާއި އަހަރީ ބޯނަސް ހިފެހެއްޓުމަށެވެ. އެކަމަކު، އެ ނިންމުން އިސްތިއުނާފު ކުރަން ބޭންކުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް މަލީހާގެ ފަރާތުން ހުށަހެޅުމުން އެ ނިިންމުމަށް ބަދަލު ގެނެވޭނެ ތަނެއް ނެތް ކަމަށް މާޗް، 2013 ގައި ނިންމި އެވެ. ނަމަވެސް ހަމަ އެ މައްސަލައިގައި ޖޫން، 2013 ގައި ބޭންކުން ނިންމީ މަލީހާ ވަޒީފާ އިން ވަކި ކުރުމަށެވެ.

އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނޮވެމްބަރު، 2014 ގައި ނިންމީ މަލީހާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އެ ނިންމުން ބޭންކުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ޑިސެމްބަރު، 2016 ގައި ހައި ކޯޓުން ވެސް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މަލީހާގެ ޝަރީއަތް.

ނަމަވެސް ބޭންކުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމުގައި ވަނީ، މަލީހާ އަށް ފަހުގެ އިންޒާރު ދިނުމަށް ފަހު، އޭނާ ވަޒީފާ އިން ވަކިކުރީ ފަހުން އެއް ކަމަކާ ގުޅިގެން ކަމަށެވެ. އެގޮތަށް އަމަލުކުރީ ފަހުން ލިބުނު އާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ބީއެމްއެލްގެ ފަރާތުން ބުންޏަސް، އެއީ އެންމެ ފުރަތަމަ މަލީހާއާ މެދު ފިޔަވަޅު އަޅަން ނިންމިއިރު ވެސް ލިބިފައި އޮތް މައުލޫމާތެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައުލޫމާތަށް ބިނާކޮށް ފަހުގެ އިންޒާރު ދޭން ނިންމުމަށް ފަހު، އެއް އަމަލަކާ ގުޅިގެން އިތުރު ފިޔަވަޅެއް ބޭންކަށް އެޅިދާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

މަލީހާ އާއި އޭނާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ސަލްޓަން ޗެމްބާސްގެ ޑރ. ޖަމީލް އާއި އަބްދުﷲ އަލީ.

އެ ހުކުމުގައިވާ ގޮތުން، މަލީހާ އަށް ފަހުގެ އިންޒާރު ދޭން ބޭންކުން ނިންމި ނިންމުމުން އެނގެނީ އެފަދަ އަމަލެއް އޭނާގެ ފަރާތުން ދެން ތަކުރާރު ނުވާނެ ކަމަށް ބޭންކުން ގަބޫލުކުރާ ކަމެވެ. މަލީހާއާ އެކު އެ ދަތުރުގައި ބައިވެރިވި އަނެއް ދެ މުވައްޒަފުން ބަހެއް އެ މައްސަލާގައި ބޭންކުން ހޯދާފައި ނުވުމާއި އެއް ހަމައަކުން މުވައްޒަފުންނާ މެދު ބޭންކުން އަމަލު ކޮށްފައި ނެތުމުން އެކަމަށް އިތުރަށް ބާރު ލިބޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ފަހުގެ އިންޒާރު ދޭން ނިންމުމަށް ފަހު، ހަމަ އެ އަމަލާ ގުޅިގެން އޭނާ ވަކިކުރަން ނިންމުމާއި މައްސަލައިގެ ވަށައިގެންވާ ކަމަށް ބަލާއިރު، އެއީ ނޯޓިސް ދިނުމެއް ނެތި މަލީހާ ވަޒީފާ އިން ވަކިކުރަން ހުއްދަ ސަބަބެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައިގައި މަލީހާގެ ފަރާތުން ވަކާލާތު ކުރެއްވީ، ކުރީގެ ނައިބު ރައީސް އަދި ސަލްޓަން ޗެމްބާސް ލޯފާމުގެ މުއައްސިސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެ މަނިކުފާނާއި މަލީހާ އަކީ ދެބެއިންގެ ދެދަރި ދެބޭފުޅުންނެވެ.