އަދުރޭ އާއި ޝިޔާމް ވެސް 1،000ރ. އިން ޖޫރިމަނާކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް 1،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.


ފުލުހަށް ހާޒިރުވެވަޑައިގަތުމަށްވފަހު ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމްގެ ވަކީލް، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވިދާޅުވީ މާސްކް ނާޅުއްވައި ހުންނެވި ނަމަވެސް ޕާޓީ އޮފީސްތެރޭގައި ހުންނަވައިގެން ވާހަކަދައްކަވާފައިވާތީ ޖޫރިމަނާ ކޮށްފައި ނުވާ ކަމަށެވެ. އޭނާ ޖޫރިމަނާކުރީ، އެއްވެސް ގައިދުރު ކަމެއް ބެހެއްޓުމެއް ނެތި އެ ދުވަހުގެ ހަވީރު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެންފައިވާތީ އެވެ.

ތަހުގީގުކުރާ ކޮޓަރި އަށް ވަނުމުގެ ކުރިން ޖޫރިމަނާގެ ވާހަކަ ބުނެފައިވާ ކަމަށާއި އަދި އެކަމަށް އިންކާރުކުރާ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޫރިމަނާކުރުމަށް އަޅުގަނޑުމެން އިންކާރުކުރަމޭ. ސަބަބަކީ އަޅުގަނޑުމެންގެ މުވައްކިލް އެފަދަ ކުށެއް ނުކުރައްވައޭ. އެޗްޕީއޭގެ ގަވައިދުގައި އޮންނަނީ ވަކި އުސޫލެކޭ. އެއީ އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އަޅައިގެން ނުކުތުމޭ. އާއްމު ތަނަކަށް ނުކުމެ އަޅުގަނޑުމެންގެ މުވައްކިލް އެފަދަ ވާހަކައެއް ނުދައްކަވައޭ. ނަމަވެސް މިއަދު އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި އަޅުގަނޑުގެ މުވައްކިލް 1،000ރ. އިން ޖޫރިމަނާކުރީ،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖޫރިމަނާއަކީ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެ މައްސަލަ މި ހަފުތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކުރުމުން ސިފަވަނީ، ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، އިދިކޮޅު ފަރާތްތަކުގެ އަތުން ޖޫރިމަނާކޮށްގެން އާމްދަނީ ހޯދަން އުޅޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރަށް އެނގެނީ "ވައްކަންކުރަން" ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ދައުލަތުގެ މާލިއްޔަތު ހުސްވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުލުހަށް ހާޒިރުކޮށް ދެއިރު ދެ ދަޅައަށް ބަޔާން ނެގިއަސް، ދެ އިރު ދެ ދަޅައަށް ޖޫރިމަނާކުރިއަސް އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތެއް ނުހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ އިބްރާހިމް މުހައްމަދު ސޯލިހަށް، މަނިކުފާނު ތި ގޮނޑީގައި އިނުމުގެ ވަގުތު ވަރަށް ކުޑަތަން ވެއްޖޭ. ދިވެހި ރައްޔިތުން ނުކުމެ މަނިކުފާނު އެތަނުން ބާލުވާނޭ."

ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ޝިޔާމް ވިދާޅުވީ އެ ބޭފުޅުންނަކީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނަށް ވާތީ ސަރުކާރު ޒިންމާދާރުކުރުމަށް އެ ބޭފުޅުންނަށް ގާނޫނުން ލާޒިމްކުރާ ކަމަށެވެ.

ރައްޔިތުން ތިބި ހާލަތު ރައްޔިތުންނަށް އެނގޭ ކަމަށާއި އެ ހައްގުގައި ނުކުންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ބަލިން ރައްކާތެރިވުމަށް ލޮކްޑައުންކޮށް ގޭގައި ތިބެގެން އަތްދޮންނަން ބުނިއިރު ބައިތުލްމާލު ދޮވެލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން ތިން އިރު ކާނެ އެއްޗެހި ނުލިބި ރައްޔިތުން އެބަ އުޅޭ. ދަރިފުޅު ނެޕީ ގަންނާނެ ވަރު ނުލިބިގެން ވެސް އެބަ އުޅޭ. އެއީ ޒުވާނުންގެ ވަޒީފާތައް ގެއްލިއްޖެ. އާމްދަނީ ހޯދަން ސިނާއަތްތަކުގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އާމްދަނީތައް އެ ހުރީ ހުއްޓިފައި. އެހެންވީމަ މި ސަރުކާރުން ހަތް މަސް ވަންދެން މި ކުރި ކަންތައް ރައްޔިތުންނަށް އެބަ އޮޅޭ. އެހެންވީމަ މިއަދު ރައްޔިތުން މަގުމައްޗަށް ނުކުންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފުލުހަށް ހާޒިރުވުމަށް އެ ފޮނުވާ ޗިޓަކުން ބިރުގަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހީފުޅުކުރައްވައިގެން ނުވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ ރައްޔިތުންނާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަގުތަކަށް ނުކުތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށާއި ކަންކަން ހައްލުވާނީ އެ ބޭފުޅުން ނުކުމެގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުކުރި އެވެ. ނަމަވެސް ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ވިދާޅުވުމުން ވަހީދާ ސުވާލު ނުކޮށް ފޮނުވައިލެއްވީ އެވެ. ޝުޖާއު ވަނީ 1،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.