ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު އެވެ.

އެ މައްސަލައިގެ ބައެއް އަޑުއެހުންތައް މީގެކުރިން ބާއްވަން ހަމަޖެއްސުމަށް ފަހު ކުރިއަށް ނުގެންދިޔައީ ޔާމީނަށް ޖަލުގައި ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތުމުންނެވެ. ހައިި ކޯޓުން އެ ފުރުސަތު ދޭން އެންގުމުން، ގިނަ ދުވަސްތަކަކަށް ފަހު ޔާމީންގެ ވަކީލުން ދާދިފަހުން ވަނީ ޖަލުގައި އެމަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރަކަށް އެދުނަސް، ހައި ކޯޓުން ނިންމާފައިި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގައި މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ.