ޕާކިން ސްޓިކާގައި ޖޫރިމަނާކުރާނެ އެންމެ ބޮޑު އަދަދަކީ 250ރ. ކަމަށް ހަމަޖައްސައިފި

ގަވައިދާ ހިލާފަށް ވެހިކަލް ޕާކުކޮށް ތަކުރާރުކޮށް ޕާކިން ސްޓިކާ ޖެހިކަމުގައި ވިއަސް ޖޫރިމަނާކުރާނީ 250ރ. އިން ކަމަށް ހަމަޖައްސައިފި އެވެ.


އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރައްވާފައި ވެ އެވެ. އެކަމަކު ގާނޫނަށް އަލަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ތިން މަސް ފަހުންނެވެ.

އެހެންވެ އާ އިސްލާހާއެކު، ވެހިކަލްތައް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑު އަދަދަކީ 250ރ. އެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްގެން ފުރަތަމަ ފަހަރަށް މިހާރު ޖޫރިމަނާކުރަނީ 250ރ. އިންނެވެ. ދެ ވަނަ ފަހަރަށް ނަމަ 500ރ. އަދި ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750ރ. އިން ޖޫރިމަނާކުރެ އެވެ.

އެ އިސްލާހުގެ ދަށުން ޖޫރިމަނާއާ މެދު ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި ގާއިމް ކުރަންޖެހޭނެ އެވެ. އެ ނިޒާމުގެ ދަށުން، ޖޫރިމަނާތައް ރިވިއު ކުރުމާއި ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެ އެވެ.

ޕާކިން ޖޫރިމަނާ އިތުރުކުރުމުގެ ބަދަލުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކޮށްފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ބާރަށް އުޅަނދުތައް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރާ ގޮތަށެވެ. ބާރަށް އުޅަނދު ދުއްވައިފިނަމަ 500ރ. އިން ޖޫރިމަނާކޮށް އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދޭން ޖެހޭނެ އެވެ. ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 750ރ. އިން ޖޫރިމަނާކޮށް 48 ގަޑިއިރަށް އެ މީހެއްގެ ލައިސެންސް ހިފެހެއްޓޭނެ އެވެ. އެއަށްވުރެ އިތުރަށް ލައިސެންސް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާކުރުމާއި އެ މީހަކު ދުއްވި އުޅަނދެއް 15 ދުވަހަށް ޓޯކުރުމުގެ ބާރު ފުލުހުންނަށް ދީފައި ވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ، ގަވައިދާ ހިލާފަށް ޕާކްކުރުމާއި އެ ގާނޫނާ ޚިލާފްވެގެން ކުރާ އެ ނޫން ޖޫރިމަނާތައް ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމުގެ އިތުރަށް ޖޫރިމަނާގެ އަދަދު 10،000ރ. އަށް ބޮޑުވާ ނަމަ، ފައިސާގެ ބަދަލުގައި މުޖްތަމައަށް ވަކި ބާވަތެއްގެ ޚިދުމަތެއް ކުރަން އެ މީހަކަށް ލާޒިމް ކުރުވޭ ގޮތަށެވެ. އެކަމާ ބެހޭ އުސޫލުތައް ގަވާއިދެއްގައި ބަޔާން ކުރަން ވެސް ބިލް ލާޒިމްކުރި އެވެ.