ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިިއަދު ނިންމާލައިފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ބުނެ އެވެ. އަދި އެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޚުލާސާކޮށް ދެ ފަރާތުން ވާހަކަ ދައްކައި، ފަނޑިޔާރުންގެ ސުވާލުތަކަށް ފަހު، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

ޔާމީންގެ ފަރާތްޕުޅުން ފަހު ބަސް

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނާ ބުނުމެއް ފިޔަވައި ހަރުދަނާ ހެއްކެއް އެކަމަށް ނެތް ކަމަށެވެ. ވޮޑަމުލާ ކުއްޔަށް ދޫކުރުމާ ޔާމީނާ އެއްވެސް ގުޅުމެއް އޮތް ކަމަށް އޭސީސީން ވެސް ތުހުމަތު ނުކުރާއިރު، ހަމައެކަނި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބުނާ ބުނުމެއް އެކަނި ކަމަށާއި އެކަމަކު އެއީ އަދުލުވެރި ހެކިން ކަމަށް ބެލެވޭނެ ގޮތެެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހޯއްދަވަން އުޅުއްވީ ސިޔާސީ މަސައްކަތްތަކަށް ލިބިިވަޑައިގެންފައި ހުރި ފައިސާގެ ތެރެއިން އަދީބުގެ އަތުގައި ހުރި ފައިސާތަކެކެވެ. ވޮޑަމުލާގެ ފައިސާ ހޯއްދަވަން އެ މަނިކުފާނު އުޅުއްވިކަން އެސްއޯއެފްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފްގެ ބަޔާނުގައި ވެސް ނެތް ކަމަށާއި އަދި އަދީބު ވިދާޅުވާ ވިދާޅުވުމަށް ބާރު ދޭ ހެއްކެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އޭނާގެ [އަދީބު] އަތުން އަޅުގަނޑު ހޯދަން އެދުނީ ވޮޑަމުލާގެ ފައިސާ ކަން އަންގައިދޭ އެސްއެމްއެސްއެއްހާ މިންވަރު ވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާވީ، ހުންނެވި ރިޔާސީ ލޯންޗުކޮޅުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު އެއްޗެއް ގޮއްވައިލުމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ދުވަސްވަރެއްގައި ކަމަށް ވާއިރު، އެފަދަ ދުވަސްވަރެއްގައި ގާނޫނާ ޚިލާފު ފައިސާއެއް ހޯދަން އަދީބުގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނަވާފާނެ ކަމަށް ބުއްދީގެ ހަމަތަކުން ވެސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އެސްއޯއެފް އަކީ އެތައް ސައްހަ މުއާމަލާތުތަކެއް ހިނގަމުން އައި ކުންފުންޏެއް ކަމަށް ވާތީ، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރީ ވޮޑަމުލާގެ ފައިސާކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ދައުލަތަށް ސާބިތުކޮށް ދެވިފައެއް ނެތް ކަމަށާއި ވޮޑަމުލާގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ވަތްއިރު ވެސް އެ އެކައުންޓުގައި ނުވަ ލައްކަ އަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. ޔާމީނަކީ އޭރު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށް ވިޔަސް، އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާވާނީ ދައުލަތުގެ މާލީ އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށް ވާތީ އެއީ ޝައްކު ކުރެވޭ ފައިސާއެއް ކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ގޮތެއް ނޯންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ޔާމީންގެ މައްޗަށް އެ ދައުވާކުރީ ވެސް ފުލުހުންގެ ތަހުގީގުގައި އެކަމާ ބެހޭގޮތުން ސުވާލެއް ވެސް ކުރުމެއް ނެތި އެވެ. ތަހުގީގުގައި ސުވާލުކުރީ އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި ކުރުމާ ގުޅޭގޮތުން ކަމަށާއި ވޮޑަމުލާގެ ފައިސާއާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާއިރު، އެއީ ޖިިނާއީ އިޖުރައާތުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެ ގާނޫނުގެ ދަށުން އެފަދަ ތަހުގީގުތައް ހިންގަން ޖެހެނީ އޭސީސީއާ ގުޅިގެން ކަމަށް ވިޔަސް، ޔާމީންގެ މައްޗަށް ތަހުގީގު ހިންގީ ފުލުހުން އެކަނި ކަމަށް ޖަމީލް ވިދާޅުވި އެވެ.

އަދީބާއި ޒިޔަތަކީ އަދުލުވެރި ހެކިވެރިން ކަމަށް ބެލެވޭނެ ގޮތެެއް ނޯންނާނެ ކަމަށާއި އެ ބޭފުޅުންގެ ހެކިބަހަށް ދަށު ކޯޓުން ރިއާޔަތްކުރީ ހެކިބަސް ބަލައިގަތުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. ދަށު ކޯޓުން ހުުކުމް ހައި ކޯޓުން ދަމަހައްޓައިފި ނަމަ، ހެކިބަސް ބަލައިގަތުމުގެ އުސޫލުތައް އެއްކޮށް ގެއްލިގެންދާނެ ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ނުހައްގުން މީހުން ޖަލަށްލުމުގެ ފުރުސަތު ހުޅުވޭނެ ވިދާޅުވެ، ޖަމީލް އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

ދައުލަތުގެ ރައްދު

ދައުލަތުން ބުނީ ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީން ވެސް އިންކާރު ނުކުރައްވާތީ، އެ މައްސަލައިގައި ސުވާލު އުފެދިފައި އޮތީ މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދަ ޝައްކު ކުރެވޭ ހާލަތެއް އެ ފައިސާއާ މެދު އޮތްތޯ ނުވަތަ ނޫންތޯ ކަމާ މެދު ކަމަށެވެ. ޔާމީނަކީ އޭރުގެ ރައީސް އަދި އަދީބަކީ ނައިބު ރައީސް ކަމަށް ވެފައި އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ، އަދީބުގެ ފަރާތްޕުޅުން ފޮނުވާ ފައިސާއާ މެދު ވެސް ޝައްކު ކުރެވޭނެ ހާލަތެއް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެއީ ސިިޔާސީ ކަންކަމަށް ޚަރަދު ކުރުމަށް ލިބިވަޑައިގަތް ފައިސާ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދީ، ދައުލަތުން ބުނީ އެ ފައިސާ ޖަމާވީ އެއްވެސް އިންތިޚާބެއް އޮތް ދުވަސްވަރެއްގައި ނޫން ކަމަށެވެ. އެއީ ސިޔާސީ ކަމަކަށް ލިބިވަޑައިގަތް ފައިސާއެއް ނަމަ، 2018 ގެ ރިޔާސީ އިންތިޚާބާއި 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޚަރަދު ނުކުރެވޭނެ ގޮތަކަށް ޔާމީން އެ ފައިސާ އިންވެސްޓް ކުރައްވަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދައިން ޝައްކު ކުރެވޭ ހާލަތެއް އެ ފައިސާއާ މެދު އޮތް ކަމަށާއި އަދީބާއި ޒިޔަތުގެ ހެކިބަހުން އެކަމަށް ބާރު ލިބިދޭ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.

ފަނޑިޔާރުންގެ ސުވާލު

ފަނޑިޔާރުންގެ ބެންޗުގެ ބައެއް ސުވާލުތައް މިއަދުގެ އަޑުއެހުމުގައި ޔާމީނަށް ކުރެއްވި އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވީ، އެއީ ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކަކުން ސިޔާސީ ކަންކަމަށް ޚަރަދު ކުރަން ދެއްވި ފައިސާ ކަމަށް ޔާމީން ވިދާޅުވާތީ، އެއީ ކޮން ފަރާތްތަކެއްތޯ ވިދާޅުވެ އެވެ. އެ ފަރާތްތަކުގެ ތަފްސީލު ވިދާޅުނުވާ ނަމަ، އެކަމަށް ރިއާޔަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮ އެދިވަޑައިގަންނަވާނެ ބޭފުޅުން ވަރަށް ގިނަ ވާނެ. އެހެންވީމާ އޭގެ ތަފްސީލެއް ދެއްވީމަ އަޅުގަނޑުމެންނަށް އެ އަށް ރިއާޔަތް ކުރެވޭނީ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސިޔާސީ ކަންކަމަށް ލިބިވަޑައިގަތް ފައިސާއާ ހަވާލުވީ އަދީބުގެ އިތުރުން އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށާއި އަދީބުގެ އަތްޕުޅުން އެ ފައިސާ ހޯދަން އެ މަނިކުފާނު ގުޅުއްވީ އެހެންވެ ކަމަށެވެ. އެގޮތަށް ފައިސާ ލިބުމަކީ މަނާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޖަމީލް ވެސް ވިދާޅުވި ގޮތުގައި، ސިޔާސީ ކަންކަމަށް ފައިސާ ލިބުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ ގާނޫނުުތަކުން ހުއްދަކުރާ އަދި ބަލައިގެންފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒް ދެން ސުވާލު ކުރެއްވީ އޮޑިޓާ ޖެނެރަލް ކުރިން ނެރުއްވާފައިވާ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުންނެވެ. އެ ސުވާލު ކުރެއްވީ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިނގާ ހުރިހާ ކަންކަމަކީ ރައީސަށް އެނގިވަޑައިގަންނަވާ ކަންތައްތަކެއް ނޫން ކަމަށާއި އެ ކަންކަން ރައީސަށް އެނގިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓްރީން އެކަން ސަމާލު ކަމަށް ގެނައުމުން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވުމުންނެވެ.

ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވީ ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒްގެ ދުވަސްވަރު އޮކްޓޫބަރު، 2014 ނެރެފައިވާ އޮޑިޓް ރިޕޯޓަކާ ބެހޭ ގޮތުންނެވެ. އެއީ އެމްއެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދެމެދު ހިންގި ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅޭ ރިޕޯޓެކެވެ. އެ ރިޕޯޓުން ފާހަގަވި މައްސަލަތައް ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެންނަވާ ކަމަށް އެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތްކަން ފާހަގަ ކުރައްވައި، އެކަންކަން އޭރު ރައީސްގެ ސަމާލު ކަމަށް ގެންދެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ފަނޑިޔާރު ނިޔާޒް އެއްސެވި އެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ، އޮޑިޓް ރިޕޯޓެއް ނެރުމަކުން، އެކަންކަން އެ މަނިކުފާނުގެ ސަމާލު ކަމަށް ގެނެވުނީ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަންކަން ވަކިން އެ މަނިކުފާނަށް އަންގަވަން ޖެހޭނެ ކަމަށެވެ. އަދި 2014 ގައި ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅިގެން އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒްއާ އެ މަނިކުފާނު ބައްދަލު ކުރެއްވި ކަމަށާއި އެ މުއާމަލާތް ހިިނގަމުން ދިޔައީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެން ކަން ނިޔާޒް ވެސް ގަބޫލު ކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެފަދަ މުއާމަލާތްތައް ރެގިއުލޭޓްކުރާ އިދާރާތަކުގެ އެއްވެސް ކަންބޮޑުވުމެއް ހުރިކަމަށް އޭރު ނިޔާޒް ވިދާޅުނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.

މިއަދުުގެ އަޑުއެހުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އިސްވެރިން ވެސް ވަޑައިގަތެވެ.