ރާއްޖެ އޮތީ ހާލުގައި ޖެހިފައެއް ނޫން، 700 މިލިއަން ޑޮލަރު ލިބެން އެބައޮތް: އަމީރު

ކޮވިޑް 19 އާ ގުޅިގެން ދަތިތަކެއް ކުރިމަތިވެފައި އޮތަސް، ރާއްޖެ އޮތީ ހާލުގައި ޖެހިފައި ނޫން ކަމަށާއި ދައުލަތް މެނޭޖް ކުރެވޭ ވަރަށް ފައިސާ ލިބެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.


"މިހާރު"އާ ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މިހާތަނަށް އައިއިރު އެހެން ބައެއް ގައުމުތަކާ ހިލާފަށް، ރާއްޖޭގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ބަރާބަރަށް ދީފައިވާ ކަމަށާއި މި ހާލަތުގައި ވެސް ދައުލަތް ނުހުއްޓި ހިފެހެއްޓިފައި ވުމަކީ ނަސީބެއް ކަމަށެވެ.

"މި އަށްވުރެ ދަތި ނުވާނަމަ މުސާރަ އާއި އިނާޔަތްތައް ވެސް ކުޑަނުކޮށް ކުރިއަށް އޮތްތާނގައި ވެސް ކުރިއަށްދާނެ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ރާއްޖެ އަށް ވަނީ ލިބިފަ އެވެެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ އިތުރު 700 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

"މި ދެންނެވި 700 މިލިއަން ޑޮލަރުގެ ތެރެއިން 345 މިލިއަން ޑޮލަރު އެއީ ސޮއި ވެސް ކޮށްފައި ހުރި ފައިސާ. އޭގެ ތެރޭގައި އިންޑިޔާ އިން ދޭ 250 މިލިއަން ޑޮލަރު ވެސް ހިމެނޭ. މީގެ އިތުރުން އައިސީޑީ (އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމަންޓް) އާ އެކު އަޅުގަނޑުމެން މިހާރު މިދަނީ 300 މިލިއަން ޑޮލަރުގެ ސުކޫކު ބޮންޑު ވިއްކުމުގެ ޕްރޮގްރާމެއްގައި ބައިވެރިވާން. އެކަން ވެސް އޮތީ ނިމުމުގެ މަރުހަލާގައި. އޭގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އެބަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރޭގައި ދަރަނި، ނުވަތަ ޑެފިސިޓްގެ ގޮތުގައި އޮތީ 6 ބިލިއަން ރުފިޔާ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން، ސަރުކާރަށް ލިބެމުން ދިޔަ އާމްދަނީ އެތައް ގުނައެއް ހުއްޓުމާ އެކު އެ އަދަދު 15 ބިލިއަނަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ހޯދަން މިޖެހެނީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު. އޭގެ ތެރެއިން 222 މިލިއަން ޑޮލަރު މިއޮތީ ލިބިފައި. އަނެއް 350 މިލިއަން ޑޮލަރު މިއޮތީ ޕްލެޖް ކޮށްފައި. އަނެއް 300 މިލިއަން ޑޮލަރު މިއޮތީ ސޮއިކުރުމުގެ މަރުހަލާގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ކޭޝްފްލޯ މަޑުމަޑުން އެބަ ރަނގަޅުވޭ

އަމީރު ވިދާޅުވި ގޮތުގައި، އަންޒާދާ ކުރި ވަރަށް ޓޫރިސްޓުން އަންނަމުން ނުދިޔަ ނަމަވެސް ދައުލަތުގެ ކޭޝްފްލޯ މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އެއީ ކޮން ފައިސާއަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ލޯނާއި އެހީގެ ފައިސާ ކަމަށެވެ.

"ޖެނުއަރީން ފެށިގެން މިހާތަނަށް އައިއިރު ބަރާބަރަށް ސިވިލް ސާވިސްގެ މުސާރަތައް ދެމުން މި އަންނަނީ. އަނެއްކޮޅުން މިދިޔަ އަހަރު ހިންގި މަޝްރޫއުތަކުގެ ބިލްތައް އަންނަން ފެށީ މި އަހަރު. މިދިޔަ އަހަރު ޕީއެސްއައިޕީގެ ދަށުން އަޅުގަނޑުމެން ހިންގީ 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު. މި އަހަރުގެ މި މުއްދަތުގައި 2.6 ބިލިއަން ރުފިޔާ އެ ޕްރޮޖެކްޓްތަކުގެ ބިލްތަކަށް ވެސް ޕޭ ކޮށްފިން،" އަމީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތާނގައި ވެސް ޕްރޮޖެކްޓްތައް އެވޯޑް ކުރާނަން. އެކަމަކު އޭގެ ތެރޭގައި ހިމެނޭނީ މުޅިން ވެސް ފަންޑެޑް ޕްރޮޖެކްޓްތައް. އޭގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުން ހިމެނޭ. އެއީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއުތަކެއް ނޫން."

އެވޯޑްކޮށްފައި ހުރި މަޝްރޫއުތަކުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ގާބިލްކަން މި ހާލަތުގައި ވެސް ސަރުކާރުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއެކޭ ވެސް އެެއްގޮތަށް އިޖުތިމާއީ ކަންތައްތަކަށާއި އާސަންދަ އަށް ވެސް ފައިސާ ދެމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާ ނުކުޅެ، އެ ފައިސާ ދެމުން އަންނަ ގޮތަށް ދިނުން ކަމަށެވެ. އޭގެ އެއް ސަބަބަކީ އެ ފައިސާ އަކީ ވެސް އިގްތިސޯދުގެ ތެރޭގައި ދައުރުވާ ފައިސާ އަށް ވުމެވެ.

"ހަރަދު ކުޑަކުރުމުގެ އެހެން ކަންތައްތަކެއް ކުރެވެމުން އެބަދޭ. އޭގެ ތެރޭގައި އަލަށް ވަޒީފާ އަށް ނަގާ މީހުންގެ އަދަދު މަދުކުރުމާއި ދަތުރުފަތުރާއި މެއިންޓެއިންސްގެ ބައިން ވެސް އެބަ ކުޑަކުރެވޭ. އަދި އެހެނިހެން ގޮތްގޮތުން ވެސް އެބަ ހަރަދުތައް ކުޑަކުރެވޭ،" އޭނާ ވިދާޅުވި އެވެ. "މުސާރަ އާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ލިބޭ އަދަދު މަދުވުމަކީ އިގްތިސާދަށް ލިބޭނެ ގެއްލުމެއް. އެހެންވެ އިގްތިސާދުގައި ފައިސާ ދައުރުވާނެ ގޮތަކަށް ފައިސާ ޕަމްޕް ކުރުމަކީ ވެސް ސަރުކާރުން ކުރަން ޖެހޭ ކަމެއް. އިންކަމް މަދުވާނެ ގޮތަކަށް ނޫން ސިޔާސަތު ރޭވިފައި އޮތީ."