ނަޝީދުގެ ފޮތް ނެރުމަކީ ސިޔާސީ ހަރަކާތެއް ނޫން: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިއުއްވި "ދެރަދުން" ފޮތް ނެރުއްވުމުގެ ހަފުލާއާ ގުޅިގެން ފިޔަވަޅު ނޭޅީ އެއީ ސިޔާސީ ހަރަކާތަކަށް ނުވާތީ ކަމަށް ބުނެ ކިޔަމުންދާ ފާޑުކިއުންތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރޭ ރައްދު ދެއްވައިފި އެވެ.


ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު މަގުތަކަށް އެއްވެ ނޫޅުމަށާއި މާސްކް ނާޅައި އެކަކު އަނެކަކާ ބައްދަލުކުރުމާއި ބަލި ފެތުރިދާނެ އަމަލުތަކާ ދުރުވާން އެޗްޕީއޭ އިން އަންގާފައި ވަނިކޮށް އެ މިންގަނޑާ ޚިލާފުވުމުން، އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ މެދު އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. މަގުތަކުގައި މުޒާހަރާކުރި މައްސަލައިގައި ލީޑަޝިޕްގެ ބޭފުޅުންނަށް ވަކިވަކިން ނަސޭހަތް ދިނުމުގެ އިތުރުން ދެ ޕާޓީ ދޮޅު ލައްކަ ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. މި މުޒާހަރާއާ ގުޅިގެން ފުލުހުން ވެސް ވަނީ ދެ ޕާޓީގެ އިސް ބޭފުޅުންނަށް ފިޔަވަޅު އަޅައިފަ އެވެ.

މިއީ، ތަފާތުކުރުން ކަމަށާއި ނަޝީދު ފޮތް ނެރުން އެކި ބުކްޝޮޕްތަކުގައި ބާއްވައި ސޮއި ކުރެއްވި އިރު އެމަނިކުފާނު އަދި އެކުގައި ތިއްބެވި ބައެއް މީހުން ވެސް ބައެއް ފަހަރަށް މާސްކްނާޅާއިރު ފިޔަވަޅުނޭޅި ކަމަށް އިދިކޮޅުން ދަނީ ޝަކުވާ ކުރަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާތައް، އެޗްޕީއޭގެ އިރުޝާދަށް ނުފެތޭގޮތަށް ބާއްވާ އިރު ވެސް ފިޔަވަޅު ނާޅާ ކަމުގެ ފާޑުކިއުން ބޮޑެވެ.

ކޮވިޑުގެ މި ބަލިމަޑުކަމުގައި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތައް ޒިންމާދާރުކުރުވަމުން އަންނަ ގޮތުގެ ތަފްސީލް ދެއްވަމުން ސަންގު ޓީވީގައި ޝަރީފް ވިދާޅުވީ ނަޝީދު ބޭއްވެވީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. އެ ކޮމިޝަނަށް ފިޔަވަޅު އެޅެނީ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކަށް ކަމަށް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް ފިޔަވަޅު އަޅަން ބާރުލިބެނީ ސިޔާސީ ހަރަކާތްތަކަށް. ރަނގަޅު ވާހަކައެއް، އަޅުގަނޑުމެންނަށް ބައެއް މަންޒަރުތަކުން ފެނިގެން ދިޔަ ރައީސް ނަޝީދު ފޮތް ނެރުއްވައި އޮޓޯގްރާފް ދެއްވަން އިންނެވިއިރު ކައިރީގައި މީހަކު ހުރިތަން. އެކަމަކު އެއީ ސިޔާސީ ޕާޓީއަކުން އިންތިޒާމްކޮށްގެން ހިންގާ ސިޔާސީ ހަރަކާތެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ނަޝީދުގެ "ދެ ރަދުން" ފޮތެއްގައި ސޮއިކުރައްވަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ހަމައެކަނި ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާކުރުމުގެ ވިސްނުމެއް އިލެކްޝަންސުން ނުގެންގުޅެ އެވެ. ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެގެން ސިޔާސީ ޕާޓީތަކާ މެދު އަޅާފައިވާ ފިޔަވަޅުތައް، އެ ކޮމިޝަނުން އަމަލުކުރަނީ ހަމަހަމަކަމުގެ އުސޫލުން ކަން ދެއްކުމަށް ތަފާސްހިސާބުން އޭނާ އާއްމުކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ އެއްވެސް ޕާޓީއަކުން ގާނޫނާއި ގަވާއިދާއި އެޗްޕީއޭގެ މިންގަނޑާ ޚިލާފަށް އަމަލުކުރާ ނަމަ އެ ކޮމިޝަނުން ބަލާނެ ކަމަށެވެ. ސިޔާސީ ބައްދަލުވުންތަކާއި ޖަލްސާތަކާއި އެއްވުންތައް ބާއްވާ އިރު އެޗްޕީއޭގެ އިރުޝާދަށް ތަބާވާން އަންގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ނަސޭހަތް ލިއުމުން ފޮނުވާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބުނެފައި ވަނީ މުއައްސަސާތަކުން ފިޔަވަޅު އެޅިޔަސް ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރާ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ.