ކްރިމިނަލް ކޯޓަށް އަންހެން ގާޒީއަކު ނެގުމަކީ ތާރީޚީ ނިންމުމެއް: އޭޖީ

ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ގާޒީއަކު އައްޔަން ކުރުމަކީ އަންހެނުން ބާރުވެރި ކުރުވުމުގައި ތާރީޚީ ނިންމުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.


ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވި ދީބާނާޒް ފަހުމީ އިއްޔެ ވަނީ އެ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒަކީ ޖިނާއީ މައްސަލަތަކަށް ޚާއްސަ ކޮށްފައިވާ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ގާޒީ ވެސް މެ އެވެ. ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކުރިން އަންހެން ގާޒީން ތިއްބަވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި އެކަންޏެވެ.

އެކަމާ ގުޅިގެން ރިފްއަތު ކުރެއްވި ޓްވީޓެއްގައިވަނީ އަންހެން ގާޒީއަކު ކްރިމިނަލް ކޯޓަށް އައްޔަން ކުރުމަކީ ގާނޫނީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގައި ތާރީޚީ ކަމެއް ކަމަށެވެ. އަދި ދީބާނާޒަކީ ޖިނާއީ މައްސަލަތަކަށް ޚާއްސަ އަދި ގާބިލް ބޭފުޅެއް ކަމަށާއި އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.

ރިފްއަތުގެ ޓްވީޓް

އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ޓްވީޓެއްގައިވަނީ އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް އެޅި މުހިިންމު ފިޔަވަޅެއް ކަމަށެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އޮކްޓޫބަރު، 2012 އިން ފެށިގެން ނޮވެމްބަރު، 2013 އާ ހަމައަށް އަދާ ކުރެއްވުމަށް ފަހު ދީބާނާޒް އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އޭގެކުރިން ވެސް ޕީޖީ އޮފީހުގެ އިސް މަގާމުތަކެއް އޭނާ އުފެއްދެވި އެވެ.