ޕާޓީތަކުން އެތައް ހާސްބަޔަކު ވަކިކޮށްފައި ވަނީ އެކަށީގެންވާ ވަގުތު ދިނުމެއް ނެތި: ޕީޕީއެމް

އިނގިލީގެ ނިޝާން ނެތިގެން ބޮޑެތި ސިޔާސީ ޕާޓީތަކުން އެތައް ހާސް ބަޔަކު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައި ވަނީ ފޯމް ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދީ ކަމަށް ޕީޕީއެމުން ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު އިއުލާންކުރި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް އެވެ. ދެވަނަ އަށް އެންމެ މެމްބަރުން ގިނައީ އެމްޑީޕީ އެވެ. މި ބަދަލާ ގުޅިގެން އެންމެ ގިނަ ބަޔަކު ވަކިވެފައި ވަނީ އެމްޑީޕީންނެވެ. އެ ޕާޓީގެ ދަފުތަރުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެމްބަރުން އުނިކުރި އެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން އެކަށީގެންވާ ވަގުތު ނުދީ ޕާޓީތަކުން ގިނަ އަދަދެއްގެ މެމްބަރުން ވަކިކުރުމަކީ އެ ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެ ޕާޓީން ދެކޭ ގޮތުގައި އިލެކްޝަންސްގެ އެ ނިންމުންތައް ވާން ޖެހޭނީ ޒިންމާދާރު ނިންމުންތަކަކަށެވެ.

"އެކަށީގެންވާ ވަގުތު ނުދީ ސިޔާސީ ޕާޓީތަކުން މެމްބަރުން އުނިކުރުމާއެކު، އެންމެ މެމްބަރުން ގިނަ ޕާޓީގެ މަގާމު މި ޕާޓީ އަށް ލިބިފައިވީ ނަމަވެސް، ޕީޕީއެމްގެ ފިކުރާއި ވިސްނުމަކީ އެހެން ޕާޓީތަކަށް ގެއްލުންދީގެން މި ޕާޓީ ކުރިއެރުވުން ނޫންކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. މި ޕާޓީން ގަބޫލުކުރާ ފަލްސަފާއަކީ މިނިވަންކަމާއެކު ހުރިހާ ޕާޓީތަކަށް ވެސް ހަރަކާތްތެރިވެވޭނެ މާހައުލެއް ވާދަކޮށްގެން އެހެން ޕާޓީތަކަށްވުރެ ކުރިއަރައިގެން ދިއުމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ މަގާމު ލިބިފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކަށް ވެސް މިނިވަންކަމާއެކު ވާދަވެރި ސިޔާސީ ވެއްޓެއްގައި ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެ ކޮމިޝަނަށް ގޮވާލާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

‎ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ފިންގަޕްރިންޓް ހުށަ ނާޅާ މެމްބަރުން ޕާޓީން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ތަންފީޒު ކުރުމާ އެކު، އެމްޑީޕީން ވަނީ ދެބައިކުޅަ އެއްބައި މީހުން މަދުވެފަ އެވެ.

‎ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން މި މަހުގެ 12 ގެ ކުރިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް ޕާޓީތަކުގެ އާ ދަފުތަރު އާއްމުކުރިއިރު، ޖުމްލަކޮށް ބަލާއިރު ހުރިހާ ޕާޓީއަކުން މީހުން މަދުވެފައިވީ ނަމަވެސް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އިދިކޮޅު ޕާޓީ އެމްޑީޕީ އަށެވެ. އެ ގޮތުން، ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިދިޔަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 46،608 މީހުން ރަޖިސްޓްރީވެފައިވީ ނަމަވެސް ފިންގަޕްރިންޓް ނެތުމުގެ ސަބަބުން އެ ޕާޓީން 18،803 މީހުން ވަނީ ވަކިކޮށްފަ އެވެ. މިހާރު އާއްމުކޮށްފައިވާ ދަފުތަރުގައިވާ ގޮތުން މިހާރު އެމްޑީޕީގައި ތިބީ 27،805 މެމްބަރުންނެވެ.