އާސަންދައަކީ ފައިސާ ދޫކުރާ ތަނެއް ނޫން، ދޫކުރީ އެންސްޕާގެ ފައިސާ: މަރިޔަމް

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމުން ބޭރު ގައުމުތަކުގައި ތާށިވި ދިވެހިންނަށް ފައިސާ ފޮނުވީ، އެންސްޕާ އިން އެދިގެން، އެ އެޖެންސީ އަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އާސަންދަ ކުންފުނިން ރޭ ބުނެފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އެހެން ވިދާޅުވިއިރު، ކޮވިޑް-19 އާ ގުޅިގެން އެންސްޕާ އާއި އާސަންދަ ކުންފުނިން ކުރި ޚަރަދުތަކުގެ ޚާއްސަ އޮޑިޓު ރިޕޯޓު މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އެ ރިޕޯޓުގައި ބުނީ، ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް އެހީ ދިނުމުގައި ގޯސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެ އަންނަން ޓިކެޓު ނަގާފައިވާ ތާރީިޚުގެ ކުރިން ތިން މީހަކަށް 116،000 އަށް ވުރެ ގިނަ ރުފިޔާ އާސަންދަ ކުންފުނިން ދޫކޮށްފައިވާ ކަމަށާއި ބައެއް މީހުންނަށް އާސަންދައިގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް އެކަމަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓާ ގުޅިގެން މަރިޔަމް ޝަފީގު "މިހާރު" އަށް ވިދާޅުވީ ގިނަ ބަޔަކު ފަރުވާ ހޯދަން ބޭރުގައި ތިއްބައި ކުއްލިއަކަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ފޮރިން މިނިސްޓްރީ އާއި އާސަންދަ އަދި އެންސްޕާ އިން އެ މީހުންނަށް އެހީވުމަށް ނިންމި ކަމަށެވެ. ފުރަތަމަ އެހީދިނީ، އިންޑިއާގެ ކޮންސިއުލޭޓުން ފޮނުވި ލިސްޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަތްމަތި ދަތިވެގެން ޝަކުވާ ކޮށްފައި ތިބި މީހުންނާއި އާސަންދަ އާއި އެންސްޕާގެ އެހީގައި ގޮސް ތިބި މީހުން އެ ލިސްޓުގައި ހިމެނެ އެވެ. އޭރު އެމީހުންނަށް ދެ ހަފުތާ އަށް ދިނީ އެޑްވާންސް ފައިސާ އެވެ.

"އަސްލު މި ކަމަކީ ވެސް އެންސްޕާގެ ކަމެއް. އާސަންދައިގެ ކަމެއް ނޫން މިއީ. އެންސްޕާގެ މަސައްކަތެއް މި ފައިސާ ދިނުމަކީ. އެކަމަކު، ލޮކްޑައުން ދުވަސްވަރަށް ވުމުން އެންސްޕާ އަށް އަސްލު އުނދަގޫވީ ސަރުކާރުގެ ބަޖެޓު ތެރެއިން، ސަރުކާރުގެ [އޮފީސް] ހުޅުވައިގެން އެ ކަންތައް ކުރަން،" މަރިޔަމް ވިދާޅުވި އެވެ.

"އާސަންދައިގައި ވަކި އެކައުންޓަކާ އެއްޗެހި ހުންނާތީ އެންސްޕާގެ ރިކުއެސްޓަކަށް ޑިސްޕާސް ކޮށްދޭން ވެގެން އާސަންދަ މީގެ ތެރެއަށް ވަނީ."

އޭނާ ވިދާޅުވި ގޮތުގައި، ދެ ހަފުތާއަށް އެޑްވާންސް ޕޭމަންޓް ދިން މައިގަނޑު ސަބަބަކީ ވެސް އެއީ ލޮކްޑައުން ދުވަސްވަރު ކަމަށް ވެފައި، ބޭންކް އޮފް މޯލްޑިވްސް އޭރު ހުޅުވަނީ ދެ ހަފުތާ އިން އެއްފަހަރު އެންމެ 1-2 ގަޑިއިރަށް ވާތީ އެވެ. ޚާއްސަކޮށް މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާތީ ކޮންމެވެސް ވަރެއްގެ ލުޔަކަށް އެކަން އެގޮތަށް ކުރީ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"މި އިމަޖެންސީގައި އަވަހަށް ފައިސާ ފޯރުކޮށްދިނުމުގެ ގޮތުން، އެންސްޕާ އިން އެދިގެން އާސަންދަ އިން ޑިސްޕާސް ކޮށްދިނީ. އެންސްޕާގެ ވެލްފެއާގެ ތެރެއިން އައި ލާރި ހަމަ ޑިސްޕާސް ކޮށްދިނީ. އެގޮތަށް ހުންނާނެ ބައިވަރު ކަންތައް އެންސްޕާ އަށް ކޮށްދީފައި،" ---މަރިޔަމް

އެޑްވާންސްކޮށް ފައިސާ ދީފައި ހުއްޓައި ރެޕެޓްރިއޭޝަން ފްލައިޓުތައް ބޭއްވި ކަމަށާއި އޭރު އެގޮތަށް ބައިވަރު މީހުންނަށް ފައިސާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ އެޑްވާންސް ފައިސާ ދިން އިރު، އެ މީހުން ބަލާ ފްލައިޓެއް ދާ ވާހަކަ ދައްކާފައި ވެސް ނެތް ކަމަށާއި އެކަހަލަ ޕްލޭނެއް ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، ރާއްޖެ ގެނެވެގެން ތިބި ހުރިހާ ދިވެހިން އެ ފަހަރު ގެނައީ އެޑްވާންސަށް ފައިސާ ދޫކޮށްފައި ހުއްޓަސް އެންމެ ރަނގަޅު ކަމަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި، އޮޑިޓް ރިޕޯޓުގެ މާ ކުރިން އެކަން ފާހަގަވި އެވެ. އެހެންވެ، ފައިސާ ދީފައި ތިބި މީހުން އަނބުރާ އެ ހަވާލުކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ބެލީ މީހުންނަށް ވީހާ ވެސް އަވަހަށް އެހީވުމަށް. ލޮކްޑައުން ވުމުން ފަހުން އެ މަސައްކަތް ކުރާނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ދިޔައީ. ދެން ބެލީ ލޮކްޑައުންވި ދުވަހުން ފެށިގެން މާލެ އަންނަން ޓިކެޓު ނެގި ތާރީޚުން ފެށިގެން މާލެ އަންނަން ދެން ދޭ ގޮތަށް. އޮޑިޓް ރިޕޯޓު ނެރުނީ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އާސަންދައަކީ ވަކި ވަކި ފަރުދުންނަށް އެއްވެސް އިރެއްގައި ފައިސާގެ އެހީދޭ ތަނެއް ނޫނެވެ.

"މި އިމަޖެންސީގައި އަވަހަށް ފައިސާ ފޯރުކޮށްދިނުމުގެ ގޮތުން، އެންސްޕާ އިން އެދިގެން އާސަންދަ އިން ޑިސްޕާސް ކޮށްދިނީ. އެންސްޕާގެ ވެލްފެއާގެ ތެރެއިން އައި ލާރި ހަމަ ޑިސްޕާސް ކޮށްދިނީ. އެގޮތަށް ހުންނާނެ ބައިވަރު ކަންތައް އެންސްޕާ އަށް ކޮށްދީފައި،" މަރިޔަމް ވިދާޅުވި އެވެ.