ޑރ. މައުސޫމަށް މަޖިލިހުން ރުހުން ދީފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ފަހަރަށް އެޖެންޑާކޮށް، އޭނާ މަޖިހުން މިއަދު ރުހުން ދީފި އެވެ.


އޭނާ އަށް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެވަގުތު ތިއްބެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ދެއްވި މައުސޫމަށް ރުހުން ދިނުމަށް މީގެ ކުރިން ވެސް މަޖިލިހަށް އެޖެންޑާ ކުރި އެވެ. އެކަމަކު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާ ގުޅޭ ގޮތުން އެކުލަވައިލާ މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު، ރިޔާސަތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ފޮނުވައިލެއްވީ. މައުސޫމް ހުވާ ކުރެއްވި އިރު ކުންފުންޏެއްގެ އިސް މަގާމުގައި އޭނާ ހުންނެވި ކަން އެނގިވަޑައިގަތުމުންނެވެ. އެ މަގާމުން އޭނާ ވަކިވެވަޑައިގެންނެވިކަން އިކޮނޮމިކް މިނިސްޓްރީން މަޖިލިހަށް އެންގީ އޭގެ ފަހުންނެވެ.

ރިޕޯޓް ކޮމިޓީއަށް އަނބުރާ ފޮނުވައިލުމުން އެ ކޮމިޓީން ނިންމީ މައުސޫމް އަލުން ހުވަކުރެއްވުމަށް ލަފާދިނުމަށެވެ. އެ ލަފަޔާ އެއްގޮތަށް އޭނާ ވަނީ ފަހުން މަގާމުގެ ހުވާކުރައްވައިފަ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ ކަންތަކުގައި ގޮތެއް ނުނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ނުދާން މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމި އެވެ. އެގޮތަށް ހުށަހެޅުއްވީ އެ ދުވަހު ރިޔާސަތުން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެވެ.

އީވާ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދުވަސްވަރު ޓޫރިޒަމް މިނިސްޓަރަށް ރުހުންދިނުމުގެ ކަންތައް ނުނިންމައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުކަމަށް މައުސޫމް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގަ އެވެ. މިނިސްޓަރުކަމަށް އައްޔަންކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމަށް ފަހުގަ އެެވެ. އެއީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.