ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 100 އިން ދަށް ދުވަހެއް

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭން އިތުރު 98 މީހަކު ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެފައި ވާއިރު 114 މީހަކު ބަލިން ރަނގަޅުވެ ދޫކޮށްލާފައި ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ކުޑަކޮށް ދަށްވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.


އެޗްޕީއޭ އިން މިރޭ ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 72 ދިވެހިންނާއި 26 ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 87 މީހުންނެވެ. އަތޮޅުތެރެއިން 11 މީހުން ޕޮޒިޓިވް ވެފައިވެ އެވެ.

ފާއިތުވި ހަތް ދުވަހަށް ބަލާއިރު އިއްޔެގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 130 އެވެ. އޭގެ ކުރީ ދުވަސްތަކަށް ބަލާއިރު ހުރީ 79، 143، 89، 255، 131، 67 އަދި 127 ގަ އެވެ. ފާއިތުވި މަހެއްހާ ދުވަހު ވެސް ކޮންމެ ދުވަހަކު ކޭސްތަކުގެ އަދަދު އުޅެނީ އާންމުކޮށް 100 އިން މަތީގަ އެވެ.

މިއަދުގެ ނަންބަރުތަކާ އެކު އެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 8،584 އަށް އަރައިފަ އެވެ. މީގެ ތެރެއިން 5،936 މީހަކު މިހާތަނަށް ރަނގަޅުވެ އަދި 29 މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،613 އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އިއްޔެ 168 ގައި ހުރުމަށް ފަހު މިއަދު ވަނީ 147 އަށް ދަށްވެފަ އެވެ.

މާލެއާއެކު ރާއްޖޭގެ 35 ރަށަކުން ކޮވިޑްގެ ބަލި މީހުން މިހާތަނަށް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން 22 ރިސޯޓަކުން 47 މުވައްޒަފުންނާއި 19 ޓޫރިސްޓުން މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެ ނޫން ތަނެއްގައި އަދި މިހާތަނަށް ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ.