އަބްދުއްރަހީމް 9 މިލިއަނަށް ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އަލުން ބަލަނީ

އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބަލަން ނިންމައިފި އެވެ.


އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރި ރެހެންދި-6 އިން އަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާގަ އެވެ.

ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ އޭރު އާއްމުވި އެވެ. އެ ސިޓީގައިވާ ގޮތުން ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ވިއްކާފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ.

އަބްދުއްރަހީމް ވަނީ ދެ ފްލެޓު ބައްލަވައިގެންނެވި ކަމަށް މީޑިއާގައި އޭރު އެއްބަސްވެވަޑައިގެންފަ އެވެ.

މި މައްސަލައަކީ ކުރީގެ ސަރުކާރުގައި އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން ތަހުގީގުކޮށް ކޮރަޕްޝަން ނެތް ކަމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލައެކެވެ. އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރި ރެހެންދިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި އަގު ބޮޑު ފްލެޓެއް ބައްލަވައިގެންފައި ވަނީ ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.

އޭރު ނިންމީ މިކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ.

މި މައްސަލަ އަލުން ބަލަން ނިންމީ، އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅަށް ތަހުގީގު ގެންގޮސްފައި އޮތް ކަމަށް ނުބެލޭވޭތީ އަލުން ބަލަން ޖެހޭ ކަމަށް ކޮމިޝަނަށް ފެނިގެންނެވެ. މައްސަލަ އަލުން ބަލަން ތަހުގީގު ޓީމަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އޭސީސީން އަންނަނީ ކުރިން ބަލައި ކޮރަޕްޝަން ނެތް ކަމަށް ފައިލްކޮށްފައިވާ ބައެއް މައްސަލަތައް އަލުން ބަލަމުންނެވެ. އެއީ، ކޮމިޝަނުން ބުނެފައިވާ ގޮތުގައި ބޮޑެތި މައްސަލަތަކެއްގައި ކޮރަޕްޝަން ނެތް ކަމަށް ކަނޑައަޅާފައި ވަނީ އެންމެ އެކަށީގެންވާ ވަރަށް ބެލުމަށް ފަހުގައި ނޫން ކަަމަށް ބެލެވޭތީ އެވެ.

އަބްދުއްރަހީމް ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި ކުރިން އޭނާ އަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ނުވަ މިލިއަން ރުފިޔާ ހޭދަކުރައްވައިގެން ދެ ފުލެޓް ބައްލަވައިގަތީ ކިހިނެއް ހޯއްދެވި ފައިސާއަކުންތޯ ބަލަން ޖެހޭ ކަމަށާއި ދެ ދައުރު މަޖިލީހުގައި އުޅުއްވި ބޭފުޅަކަށް އެ އަދަދު ހަމަނުކުރެއްވޭނެ ކަމަށް ވެސް ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަބްދުއްރަހީމް ވަނީ ފްލެޓް ބައްލަވައިގެންނެވި ގޮތް ހާމަކުރައްވަން މީޑިއާގައި ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ މެމްބަރުކަމުގެ އިތުރުން އާމްދަނީ ހޯދަން އިތުރު ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

"ގެޔަށް ވަންނަ ވަރުގެ އެއްޗެއް މީޑިއާއަކަށް ހިއްސާއެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އަށް ތުހުމަތު ކުރަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވާތީ ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.