މިއީ ސިޔާސީ ޖޫރިމަނާއެއް، ގަވާއިދާ ޚިލާފެއް ނުވަން: ވަހީދު

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އެއްވުމުގައި މާސްކް ނާޅާ ހުންނެވީ ކަމަށް ބުނެ ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ޖޫރިމަނާކުރީ ސިޔާސީ ގޮތުން ކަމަށާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ވަހީދު ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް 1،000ރ. އިން ޖޫރިމަނާކޮށް، މައްސަލަ ވަނީ ފައިލްކޮށްފަ އެވެ. އެޗްޕީއޭގެ އެންގުމާއި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފުވި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރި އެވެ. އެކަމަކު، ޖިނާއީ ދައުވާ ނުކުރަން ފުލުހުން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.

ވަކީލުންނާ އެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް ވަހީދު ވިދާޅުވީ ޖޫރިމަނާ ކުރި ނަމަވެސް ގަވާއިދާ ހިލާފުވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ ސިޔާސީ ގޮތުން ކުރި ޖޫރިމަނާއެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މާސްކު އަޅައިގެން ހުރީ، ދެން އަޅުގަނޑު ވާހަކަ ދެއްކި ވަގުތުގައި މާސްކު ތިރި ނުވެއެކޭ ނުދަންނަވަން. އެހެންނަމަވެސް އަޅުގަނޑު ހުރީ އިމާރާތުގެ ތެރޭގައި، މަގުމައްޗަކަށް ވެސް ނުނިކުންނަން، ޕޭވްމަންޓާ ހަމައަށް ނިކުތް އިރު ވެސް މާސްކު އަޅައިގެން ހުންނާނީ،" ވަހީދު ވިދާޅުވި އެވެ.

"މީގައި އާންމު މީހަކާ އަޅުގަނޑާ، އޮތް ތަފާތަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާތީ، ސިޔާސީ ބަޔަކު އެއްވެގެން އުޅޭ ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެ މައްސަލަ ބޮޑުވެގެން މި އުޅެނީ" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފޮތް ނެރުއްވި ހަރަކާތަށް ނުސީދާގޮތުން އިޝާރާތްކުރައްވައި ވަހީދު ވަނީ އެފަދަ ކަންކަމުގައި ޖޫރިމަނާ ނުކޮށް އެމަނިކުފާނު ޖޫރިމަނާކުރި ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

"އެހެން ބޭފުޅުން ވެސް މާސްކު ނާޅުއްވާ ސިޔާސީ ކަންކަމުގައި ވެސް ބައިވެރިވެފައި ހުންނާތީ އަޅުގަނޑުމެންނަށް އެބަ ފޮޓޯތައް ފެނޭ. ދެން އެ ބޭފުޅުންނަށް ފިޔަވަޅު ނާޅުއްވާ އަޅުގަނޑަށް ފިޔަވަޅު އެޅުމުގައި އެހެން ސަބަބެއް އޮތްތޯ އެ ބޭފުޅުނަށް އެނގިވަޑައިގަންނަވާނީ،" ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މާސްކު އެޅުމަކީ ކުރުން އެންމެ މުހިންމު އެއް ކަންތަކެވެ. ރާއްޖޭގައި މާސްކު އެޅުން މަޖުބޫރު ކުރުމުގެ މާ ކުރިން ފަށައިގެން ވެސް މާސްކު އަޅުއްވާކަން ފާހަގަކުރައްވައި ވިދާޅުވީ އޭރު މާސްކު އެޅުން މަޖުބޫރު ކުރި ނަމަ ބަލި ފެތުރިފައިމިވާ ވަރަށް ފެތުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ޕީޕީއެމްގެ އެއްވުމުގައި މާސްކު ނާޅައި ބަލި ފެތުރޭ ގޮތަށް އަމަލުކުރި މައްސަލައިގައި ވަހީދު ޖޫރިމަނާކުރި އިރު އެ ޕާޓީގެ ބައެއް އެހެން ބޭފުޅުން ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.