ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވެސް ދަށަށް

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ދަށްވެއްޖެ އެވެ. މިއީ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު، އެ ނިސްބަތް ދަށަށް ދަމުން އަންނަތާ ތިން ވަނަ ދުވަހެވެ.


އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ 74 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީންނެވެ. މިއަދު ވެސް އެންމެ ގިނައިން ބަލި ޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ. އެކަމަކު ރަށްރަށާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު އެހެން ދުވަސް ދުވަހަށް ވުރެ އިތުރެވެ. އެގޮތުން 11 މީހަކު ވަނީ، މާލެ ނޫން އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވެފަ އެވެ. ފާއިތުވި މަހެއްހާ ދުވަހު ވެސް ކޮންމެ ދުވަހަކު ކޭސްތަކުގެ އަދަދު އުޅެނީ އާންމުކޮށް 100 އިން މަތީގަ އެވެ. އެކަމަކު ވޭތުވެ ދިޔަ ތިން ދުވަހު، ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ، 98،83 އަދި 74ގަ އެވެ.

މިއަދުގެ ނަންބަރުތަކާ އެކު އެކު ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 8،741 އަށް އަރައިފަ އެވެ. މީގެ ތެރެއިން 6،157 މީހަކު މިހާތަނަށް ރަނގަޅުވެ އަދި 29 މީހުން ވަނީ މަރުވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،549 އެވެ. ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ 139އަށް ދަށްވެފަ އެވެ.

މާލެ ފިޔަވައި، 25 ރަށެއްގައި ކޮވިޑް-19ގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އޭގެ ތެރޭގައި 23 ރިސޯޓެއް ހިމެނެ އެވެ.