ޖައިކާގެ ސްކޮލަޝިޕް ލިބުނު އީޕީއޭގެ ދެ މުވައްޒަފުން، އެތަނުގެ އިސްވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.-
ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ އެސްޑީޖީ ގްލޯބަލް ލީޑާ ޕްރޮގްރާމުގެ ދަށުން ދެ ދިވެއްސަކަށް އިއްޔެ ސްކޮލަޝިޕް ދީފި އެވެ.
އެސްޑީޖީ ގްލޯބަލް ލީޑަޝިޕްގެ ދަށުން ގެންދާ ސްކޮލަޝިޕް ޕްރޮގްރާމުގެ ހުރިހާ ހަރަދެއް ކުރަނީ ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިންނެވެ. ސަރުކާރުގެ އިދާރާތަކަށް ހާއްސަކޮށްފައިވާ މި ފުރުސަތުގައި މާސްޓާސްއަށް ކިޔަވަން މި އަހަރު ލިބުނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި މަސައްކަތްކުރާ އަހުމަދު ފަލާހާއި އައިމިނަތު ފިޒްނާ އަށެވެ. މިދިޔަ އަހަރު ވެސް މި ފުރުސަތު ލިބުނީ އީޕީއޭގެ ދެ މުވައްޒަފަކަށެވެ.
މި ޕްރޮގްރާމް 2023އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ސްކޮލަޝިޕް ލިބުނު ދެ މީހުން ވަނީ ޖަޕާނުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު، ކެއިކޮ ޔަނާއީއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
ކޮވިޑް-19އާ ހެދި މި ދުވަސްވަރު ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށެވެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު ޖަޕާނަށް ފޮނުވައިގެން، އެ ގައުމުގެ އެންމެ ޓޮޕް ޔުނިވާސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޖައިކާއިން އަންނަނީ ދިވެހި ސަރުކާރާ ގުޅިގެން ކުރު މުއްދަތުގެ ޕްރޮގްރާމްތައް ވެސް 1970 ވަނަ އަހަރުން ފެށިގެން ހިންގަމުންނެވެ. އެ ގައުމުން މިހާރު ވެސް މަސްވެރިކަމާއި ޓެލެކޮމިއުނިކޭޝަނާއި ތައުލީމާއި ސިއްހަތާއި ތިމާވެއްޓާއި ޓޫރިޒަމް އަދި މެރިޓައިމް ސެކިއުރިޓީއާ ގުޅޭގޮތުން 1،100 ދިވެހިން ތަމްރީނުކޮށްފައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އިބްރާހިމް
10 September 2020
އީ.ޕީ.އޭ ނައީމްބެ މުވައްޒަފުންގެ ކުރިއެރުމަށް ދެއްވާ ހިތްވަރަށް ސާބަސް. ނައީމަކީ ވަރަށް ކުޅަދާނަ ބޭފުޅެއް.