ކޮވިޑް-19: މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން މިއަދު ރަނގަޅުވެއްޖެ އެވެ.


އިއްޔެގެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އާ ހަމައަށް 209 މީހަކު މި ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. މި ބަލިން އެންމެ ގިނަ މީހުން ރަނގަޅުވީ އިއްޔެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި އިއްޔެ 287 މީހަކު ރަނގަޅުވި އެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެފައި ވަނީ 62 މީހެކެވެ. މިއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 51 މީހުންނާއި ރަށްރަށުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް

މި ބަލި ޖެހިފައިވާ 1،960 މީހަކު މިވަގުތު އަންނަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 116 މީހަކު ފަރުވާ ހޯދަމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާލޭގެ އިތުރުން 28 ރަށެއްގަ އާއި 26 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސް އެބަހުއްޓެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި 39 ރިސޯޓު މަސައްކަތްތެރިންނާއި 13 ޓޫރިސްޓުން ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 9،052 މީހުންނެވެ. މި ބަލި ފެތުރޭ ވަރު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ވަނީ ދަށްވެފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 31 މީހަކު މަރުވެފައި ވެ އެވެ.