އުސޫލުތަކަށް ތަބާނުވާ ނަމަ ކުރިއެރުން ގެއްލިދާނެ: އެޗްޕީއޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާނުވާ ނަމަ، އެބަލި ކޮންޓްރޯލް ކުރުމުގައި ލިބޭ ކުރިއެރުން އަނެއްކާވެސް ގެއްލިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ބުނެފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް މިހާރު ވެސް ބައެއް މީހުން ހިލާފުވަމުން ދާ ކަމަށެވެ.

އުސޫލަށް ތަބާ ނުވުމުގެ އެއް ކަމެއްގެ ގޮތުގައި އޭނާ ދެއްކެވީ ރަށްރަށުގައި ހޯމް ކަރަންޓީނު ކުރާ ބައެއް މީހުން ގަވައިދާ ހިލާފުވާ މައްސަލަ އެވެ. އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ދެވަނަ ކަމަކީ އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނަ އެއްވެ ނޫޅެން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާ މައްސަލަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ އުސޫލުތަކަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން އަންނަ އިރު ވެސް ބައެއް މީހުން އެކަންކަމާ ހިލާފުވާ ކަމަށެވެ.

"އެހެން ނޫނީ އަޅުގަނޑުމެންނަށް މި ލިބުނު ކުޑަކުޑަ ކުރިއެރުން ވެސް އަޅުގަނޑުމެންނަށް ގެއްލިގެން ހިނގައިދާނެ. އަޅުގަނޑުމެން ފާއިތުވި ހަ މަސްދުވަހު މި ކުރި ބުރަ މަސައްކަތް އަދި ހުރިހާ ރައްޔިތުން މިކަމުގައި ތަހައްމަލްކުރަން ޖެހުނު އުނދަގޫތައް ވެސް ހަމަ އޭގެ އެއްވެސް ބޭނުމެއް ނެތި ބޭކާރުވެގެން ހިނގައިދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ.

އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީންވާ ގޮތަށް ރަށްރަށަށް ގިނަ ބަޔަކު ފޮނުވި ނަމަވެސް އެމީހުންގެ ފަރާތުން އެ ރަށްރަށުގައި މީގެ ކުރިން ބަލި ނުފެތުރުނީ ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލްތައް ބެހެއްޓުމުންނެވެ.

ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އެކަނި ވެސް އެކި ރަށްރަށަށް 2،705 މީހުން ކަރަންޓީނަށް ފޮނުވި އެވެ. އޭގެ ތެރެއިން 121 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކުރިން ރަށްރަށަށް ދިޔަ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ނުފެތުރުނީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމުންނެވެ.

"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި [ތިބޭ މީހުން] ނުވަތަ ކޮންޓެކްޓްވެގެން ފާހަގަވާ މީހުން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް ގައިޑްލައިންތަކާ ޚިލާފުވާކަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް. މާނައަކީ ތިމާގެ އާއިލާ އާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެ ނޫޅެވޭ ގޮތަށް ކަނޑައަޅާފައިވާ އުސޫލާ ވެސް ބައެއް މީހުން ހިލާފުވާ ކަމަށެވެ. އެކަން އެގޮތަށް ނުކުރަން ވެސް އިލްތިމާސްކުރެއްވި އެވެ.

ގައިޑްލައިންތަކާ ހިލާފުވާ ކަމުގެ ކަންބޮޑުވުން އެޗްޕީއޭއިން ފާޅުކުރި އިރު ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މާލޭގައި އިއްޔެ ވަނީ ސައިކަލް ބުރެއް ބާއްވައިފަ އެވެ. އޭގެ އިތުރުން ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް ޕޮޒިޓިވް ވުމުން އެރަށް ވަނީ މޮނިޓާ ކުރަން ފަށައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މަތިވެފަ އެވެ.