ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާވެސް 100 އިން މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށްވަމުން ދިއުމަށް ފަހު މިއަދު 100 އިން މައްޗަށް އަރައިފި އެވެ. އެކަމަކު، މިދިޔަ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކު އެ ބަލި އަލަށް ޖެހުނު މީހުންގެ އަދަދު އުޅުނީ 100 އިން ދަށުގަ އެވެ.


ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް އަލަށް 121 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 75 މީހުންނަކީ ދިވެހިން ކަމަށެވެ. މާލެ ސަރަހައްދުން 101 މީހަކު ޕޮޒިޓިވްވިއިރު ދެން ތިބީ އަތޮޅު ތެރޭގެ އެކި ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. އެހެންވެ، ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 9،100 އަށް ވުރެ މައްޗަށް މިހާރުު ވަނީ އަރައިފަ އެވެ.

އެޗްޕީއޭގެ ޓުވީޓް

އޭގެ ތެރެއިން 7،000 އަށް ވުުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިހާރު ފަރުވާ ދެމުން ދަނީ 1،900 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެނީ 116 މީހަކަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން އެއްވުންތައް ނުބޭއްވުމަށް އެންގުމުގެ އިތުރުން ރޭގަނޑު 10 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.