ކޮމޮންވެލްތުގެ ކުރު ވާހަކަ މުބާރާތަށް ކުރިމަތިލާން ހުޅުވާލައިފި

ކޮމޮންވެލްތުގެ ކުރު ވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


އަންނަ އަހަރު ބާއްވާ މި މުބާރާތުގައ އުމުރުން 18 އަހަރުވެފައިވާ، ކޮމަންވެލްތު ގައުމުތަކުގެ ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭނެ އެވެ.

މުޅި މުބާރާތުން އެއްވަނަ ހޮވޭ ވާހަކައަކަށް 5،000 ޕައުންޑް (ގާތްގަނޑަކަށް އެއް ލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ކޮމަންވެލްތުން ދޭނެ އެވެ. ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެއްވަނަ ކާމިޔާބު ކުރާ ފަރާތްތަކަށް 2،500 ޕައުންޑް (ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ކޮމަންވެލްތުން ބުންޏެވެ.

މި ވާހަކަތައް ވާންޖެހޭނީ އެއްވެސް ތަނެއްގައި ޝާއިއުކޮށްފައި ނުވާ، ވާހަކަތަކަކަށެވެ. މި މުބާރާތުން މޮޅުވާ މީހުންގެ ވާހަކަތައް، "ގްރާންޓާ" މެގަޒީންގައި ޝާއިއު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އިނގިރޭސިގެ އިތުރުން ބެންގާލީ އާއި ޗައިނީސް އާއި ފްރެންޗް، ގްރީކް، ކިޝްވަހިލީ، މެލޭ، ޕޯޗުގީޒް، ސަމޯން، ޓެމިލް އަދި ތުރުކީ ބަހުން ވެސް ވާހަކަތައް ހުށެހެޅޭނެ އެވެ. އެ ލިސްޓުގައި ނުހިމެނޭ ބަހަކުން ލިޔެފައިވާ ވާހަކައެއް އިނގިރޭސިއަށް ތަރުޖަމާކޮށްފައި ވެސް ހުށަހެޅޭނެ އެވެ. ތަރުޖަމާކޮށްފައިވާ ވާހަކައެއް މުބާރާތް ކާމިޔާބުކޮށްފި ނަމަ، ތަރުޖަމާ ކުރި މީހާއަށް ވެސް ހާއްސަ އިނާމެއް ލިބޭނެ އެވެ.

މި މުބާރާތަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.

މިއީ ކޮމޮންވެލްތު ފައުންޑޭޝަންގެ ދަށުން "ކޮމޮންވެލްތު ރައިޓާސް" އިން ހިންގާ މުބާރާތެކެވެ.