ހުޅުމާލެ ފެސިލިޓީގެ ސަބަބުން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ

ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް އަމިއްލަ މީހެއްގެ ބިމުގައި ހުޅުމާލޭގައި އަޅާފައިވާ މެޑިކަލް ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.


ކޮވިޑް-19ގައި އެންޑީއެމްއޭ އިން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓު އާންމު ކުރި އިރު ރިޕޯޓުގައި ވާގޮތުން އެ ބިމަކީ މޮރިޝަސް ކޮމާޝަލް ބެންކު (މޯލްޑިވްސް) އިން ދޫކޮށްފައިވާ ލޯނެއް އަނބުރާ ނުދައްކައިގެން ރަހުނުގެ ގޮތުގައި ނަގާފައިވާ ބިމެއްކަން ވަނީ އެނގިފަ އެވެ. އަދި މެޑިކަލް ފެސިލިޓީ ގާއިމްކުރުމަށް އެޗްޑީސީއާ އެތަން ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަކީ ތަނަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ހެން ތިން މަސް ދުވަހަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެ ބިމުގައި ހޮސްޕިޓަލް އަޅާފައި ހުރުމުން ފަހުން ދިމާވެދާނެ ގާނޫނީ މައްސަލަތަކަށް ބަލައި އެކަން ހައްލުކުރުމަށް ރިޕޯޓުގައި ލަފާދީފައި ވެސް ވެއެވެ.

އެންޑީއެމްއޭއިން މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަމިއްލަ މީހެއްގެ ބިމަކަށްވީ ނަމަވެސް އެތަން އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ. އަދި ތިން މަސް ހަމަވުމުން އެ އެގްރީމަން އިތުރުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"މިތަނަކީ ދައުލަތުން ކުއްޔެއް ދައްކަން ޖެހޭ ގޮތަށް މިހާރު ވެސް އޮތް ތަނެއް ނޫން. މިތާނގެ އެގްރީމަންޓް ކުރިއަށް އޮތް ތަނުގައި ވެސް އެޗްޑީސީއާ މޮރިޝަސް ކޮމާޝަލް ބެންކާ އެކު އޮތީ އެކްސްޓެންޑް ކުރެވޭ ގޮތަށް. އެހެންވީމަ މީގެ ސަބަބުން ދައުލަތަކަށް އެއްވެސް ގެއްލުމެއް ވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވި އެވެ.

މެޑިކަލް ފެސިލިޓީގެ މަސައްކަތަކީ އަލަށް އެންއީއޯސީ އުފައްދައިގެން އެންމެ ފުރަތަމަ ވެސް މަޝްވަރާކޮށް ވީ އެންމެ އަވަހަކަށް ނިންނުމަށް ފެށި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ކޮވިޑް-19 ފެސިލިޓީ ގާއިމްކުރާނެ ތަނެއް ނިންމީ ޑޮކްޓަރުންނާ ކަމާގުޅުން ހުރި އެހެން ތަޖުރިބާކާރުންގެ މަޝްވަރާއާ ހޯދުންތަކުގެ މަތިން އެންމެން ވެސް އިއްތިފާގުވާ އެންމެ ރަނގަޅުތަނެއް ބަލާފައި ކަމަށެވެ.

އެގޮތުން އެތަނުގައި މެޑިކަލް ފެސިލިޓީ ގާއިމްކުރަން ނިންމި ފަސް ސަބަބެއް ހިސާން ފާހަގަކުރެއްވި އެވެ.

- ކޮވިޑް-19ގެ ހާލަތު ގޯސްވެ 300އެއްހާ މީހުން އެޑްމިޓްކުރަން ޖެހުނަސް އެތަނަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި އެފަދަ ތަނަކަށް ބަދަލުކުރަން އެކަށީގެންވާ ތަނަކަށްވުން

- އިމާރާތުގެ ބޮޑުބައި ނިމިފައިވާތީ އާ އިމާރާތެއް ކުރުމަށްދާ ވަގުތު ސަލާމަތްވުން

- މާލެއާ އެއްގަމު މަގުން ގުޅިފައި ޑޮކްޓަރުންނާއި ނަރުހުންނަށް ނިދުމާއި ކެއިންބުއިމުގެ މަގުފަހިވެފައިވުން

- އެންމެ ފުރަތަމަ ކޮވިޑް-19އަށް ހާއްސަ ކުރެވުނު ޓްރީޓޮޕް ހޮސްޕިޓަލާ ކައިރީގައި ހުރުން

- ލޮޖިސްޓިކްސް އާއި އެހެނިހެން ގޮތްގޮތުން ވެސް ހަރަދު ކުޑަވެވުން

ހިސާން ވިދާޅުވީ އެ ބިމުގައި ކޮވިޑް-19 ފެސިލިޓީ ގާއިމްކޮށްފައި ހުރުމުން ދައްކަމުންދާ ވާހަކަތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެ ފެސިލިޓީން މިހާރު ވެސް ގިނަ ބަޔަކަށް ފަރުވާދެމުން އަންނަކަން ފާހަގަކުރައްވައި ވިދާޅުވީ ފެސިލިޓީ ނެތް ނަމަ ކޮވިޑް-19ގެ ގިނަ ބަލި މީހުން މަގުމަތިވާން ޖެހުނީސް ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކުރުމަށް އެޗްޑީސީއާ އެމްސީބީއާ ދެމެދު ތިން މަހުގެ އެގްރީމަންޓެއް ހަދާފައި ވަނީ މާޗް މަހުގެ 24ގަ އެވެ. ޖޫން މަހުގެ ނިޔަލަށް މި އެގްރީމަންޓުގެ މުއްދަތު ހަމަވި އިރު އެހާތަނަށް ސަރުކާރުން ފެސިލިޓީ އަށް ބޭނުންވާ ތަކެތި ހޯދުމާ ރީސްޓްރަކްޗަރިން އަށް 24,194,156ރ ހަރަދުކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައި ވެއެވެ.