މުވައްޒަފުން ޝަކުވާކުރުމުން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފު އެއް މަސް ދުވަހަށް ސަސްޕެންޑު ކޮށްފި އެވެ.


ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޫޒަންއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި އެ ކޮމިޝަނުން ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީގޮތުން ބަލަންޖެހޭ މައްސަލަތަކެއް ބެލުމަށް، މުސާރަ ލިބޭ ގޮތަށް އެއް މަހަށް ސޫޒަން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ސޫޒަންއާ ގުޅޭގޮތުން، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ފޮނުވި ސިޓީއެއްގައި ބުނީ އޭނާގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލުއުފެދޭ ކަމަށެވެ. އެކަންކަމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ޕީއެސްގެ މަގާމުގައި ހުންނަވައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން، މިނިސްޓްރީގައި އޮންނަ އެޗްއާރުއެމްޑީ ކޮމިޓީއާ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ވެސް އެ ކޮމިޓީއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ސޫޒަން ވަނީ ނިންމަވައިފަ އެވެ.

"އެގޮތުން އޮފީހުގެ ސިވިލް ސާވިސް އިސް މުވައްޒަފެއް ވަޒީފާއިން ސަސްޕެންޑުކުރުމުގައި ވެސް އެޗްއާރުއެމްޑީ ކޮމިޓީއާ މަޝްވަރާކޮށްފައި ނުވެ އެވެ. އަދި މިނިސްޓްރީގެ ސިޔާސީވެރިންގެ އެންގުންތަކާ އެއްގޮތަށް ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ޕާމަނަންޓް ސެކްރެޓަރީ އަމަލުކޮށްފައި ވެ އެވެ. އެގޮތުން ސިވިލް ސާވިސްގެ އުސޫލުތަކާއި ހިލާފަށް މުވައްޒަފުން މަސައްކަތް ކުރަމުންދާ ސެކްޝަން ބަދަލުކުރުން ފަދަ ކަންކަން ކޮށްފައިވާއިރު މިފަދަ ކަންކަން ހުއްޓުވުމުގައި ޕާމަނަންޓް ސެކްރެޓަރީ ވަނީ އިހުމާލުވެފަ އެވެ،" ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް ފޮނުއްވި ސިޓީގައިވެ އެވެ.

މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ބޮޑެތި އިހުމާލުތަކެއް ވުމުގެ އިތުރުން އެކި މުވައްޒަފުންގެ މެދުގައި ވެސް ޕީއެސް ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު، މިދިޔަ އާދިއްތަ ދުވަހު ފޮނުވި ސިޓީގައި ވެ އެވެ.