ރާއްޖެ އަށް ބިނާކޮށް ލިޔުނު ފެންޓަސީ ވާހަކައެއް އެމެޒޯންގެ ލިސްޓުތަކުގައި

ރާއްޖެ އަށް ބިނާކޮށް ދިވެއްސަކު ލިޔުނު ފެންޓަސީ ވާހަކައެއް އެމެޒޯންގެ ބެސްޓް ސެލިން ބުކް ލިސްޓުތަކުން ޖާގަ ހޯދައިފި އެވެ.


ހަމްދާން އަބްދުލް ޣަނީ، 32 ލިޔުނު "ޑާމިރް އެންޑް ދަ ހިޑަން އެޓޮލް" ގައި އޭނާ ހިމަނާފައި ވަނީ ދިވެހި ނަންތަކާއި ރާއްޖޭގެ ރަށްތަކުގެ ވާހަކަ އެވެ.

އެ ފެންޓަސީ ވާހަކަ އަމާޒު ކޮށްފައި ވަނީ ބ. އޭދަފުށީގެ ތިން ކުއްޖަކަށް ދިމާވާ ބިރުވެރި ހާދިސާއެއްގެ ސަބަބުން ފެންނަ ގޮތް ނޭނގޭ އަތޮޅަކާއި އެ ތަނުގައި ދިރިއުޅެމުން ދިޔަ މުޅިން ތަފާތު 'ޓްރައިބް' އަކާ ބައްދަލުވެ ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. އުމުރުން އަށް އަހަރުން މަތީގެ ކުދިންނަށް ޚާއްސަ ކޮށްގެން ހަމްދާން ލިޔުނު މި ވާހަކައިގައި ފެންޓަސީގެ ޖާދޫ އަދި ރޫހާނީ އެތައް ކަމެއް ދައްކުވައިދެ އެވެ.

"ދިރިއުޅުމުގެ ތަންކޮޅެއް ދަތި ދުވަސްވަރަކާ ދިމާވެ ސިކުނޑި އެހެން ދިމާލަކަށް އަނބުރާލަން މި ވެސް ހަމަ ރަނގަޅު ކަމަކަށް ވާނެއޭ ހިތާ ލިޔަން ފެށީ" އެކައުންޓިންގެ ދާއިރާ އިން ފަސްޓް ޑިގްރީ ހާސިލް ކޮށްފައިވާ ހަމްދާން މިއަދު "މިހާރު" އަށް ބުންޏެވެ.

ތިން މަސް ދުވަހުގެ މަސައްކަތަކުން އޭނާ ލިޔެ ތައްޔާރު ކުރި 330 ސޮފުހާގެ މި ފޮތް އޭނާ ނެރުނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެމެރިކާގަ އެވެ.

ހަމްދާން ބުނިގޮތުގައި، އޭނާގެ އެ ވާހަކަ އަމާޒުކުރީ ވެސް އެމެރިކާގެ އޯޑިއަންސަށެވެ. މީގެ ދެ ތިން މަސް ކުރިން ފޮތް ރާއްޖޭގައި ވިއްކަން ފެށި އިރު ރާއްޖެ އިން ވެސް އެހާ ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އޭނާ އުންމީދު ނުކުރެ އެވެ.

"...ރާއްޖެ ގެނެސް ވިއްކަން ފެށީމާ އަދި ލިބުނީ ވަރަށް ޕޮޒިޓިވް ފީޑްބެކްސް،" ހަމްދާން ބުންޏެވެ.

މާލެ އިން މައި ވޮންޑާ ބުކްސް ބުކްޝޮޕާއި އުރީދޫ މޫލީ އަދި ޕަޕާޔާ އޮންލައިން ސްޓޯއިން ވެސް މި ފޮތް ރާއްޖޭގައި ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ފޮތުގެ ފުރަތަމަ ބައި އަދި ނިމުނީއެއް ނޫނެވެ. މިއީ ސިލްސިލާ މަސައްކަތެކެވެ. ޑާމިރް އެންޑް ދަ ހިޑަން އެޓޮލްގެ ދެވަނަ ބައިގެ މަސައްކަތް މިހާރު ނިމެން ކައިރިވެފައިވާއިރު މި އަހަރު ތެރޭގައި ލޯންޗު ކުރާނެ ކަމަށް ހަމްދާން ބުންޏެވެ. ފޮތުގެ ފުރަތަމަ ބައި އެމެރިކާގެ އޯޑިއަންސަށް ޚާއްސަ ކުރިޔަސް މި ސީރީޒްގެ ދެވަނަބައި އަމާޒުކުރަން ނިންމާފައި ވަނީ ދިވެހިންނަށެވެ.