ޒިކުރާ މިސްކިތުގެ ކޮރަޕްޝަން މައްސަލައިގައި ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކޮށްދޭން އެދިއްޖެ

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާ އުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ އެދިއްޖެ އެވެ.


އޭސީސީން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ އުފުލައިދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނީ ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.

މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 9، 2018، ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

އޭސީސީން ބުނިގޮތުގައި، ޒިކުރާ މިސްކިތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމަށް ފަހު، ހުއްދަ ނުލިބެނީސް އެސްޖޭއާ ހަވާލުކުރީ އެންމެ ލުއިގޮތް ހުށަހެޅީ އެ ކުންފުނިން ކަމަށް ބުނެ އެވެ.

އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ގަބޫލުކުރެވޭ ގޮތަށް، އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިޔާދު ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވީ ނަމަވެސް އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލުން ނޫން ކަމަށާއި އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާ ކަން ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ޒިޔާދަށް ދައުވާކޮށްދޭން އެދުނީ ޒިކުރާ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަން ތަހުގީގުން ހޯދުނު ކިތާބީ ހެކިތަކުންނާއި ޝަފަހީ ހެކިތަކުން ސާބިތުކުރެވޭތީ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ޒިޔާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލީ، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި، އެ ނޫން ގޮތަކަށް އަމަލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށް، ބޮޑު ގެއްލުމެއް ލިބިފައިވާތީ އެވެ.

މި މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލީ ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް ބިން ހަވާލުކޮށްފައިވާތީ ކަމަށް އޭސީސީން ބުންޏެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު އެ ކުންފުންޏަށް މަންފާވާ ގޮތަށެވެ. ޒިކުރާ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކުރި ކަމަށް އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލަތަކުގައި ވެސް ވެ އެވެ.

ފަހުން އެކަން ވަނީ އޮޑިޓް ރިޕޯޓުން ވެސް ހާމަވެފަ އެވެ. އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތްއިރު މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމައެއް ނުވެ އެވެ.

ވަގުފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަމަޖައްސާފައި އޮތަސް އެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހެޅި މި މައްސަލައިގައިވެ އެވެ. އޭސީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ޒިކުރާ މިސްކިތް އެސްޖޭއަށް ހަވާލުކުރި ގޮތުގެ މައްސަލަ ހުށަހެޅި އެވެ.

މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ މަޝްރޫއުގެ ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލިން 24 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުން ބުނާގޮތުން، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ.

މިނިސްޓްރީ އަށް ލިބޭތިން ފްލޯ ބޭނުން ކުރާގޮތަށް އޮތީ މިސްކިތުގެ ގޮތުގަ އެވެ. އިކުއިޓީގެ ގޮތުގައި މިނިސްޓްރީން ދެއްކި 30 މިލިއަން ވެސް އެންމެ އަވަހަށް ލިބޭނީ 13 އަހަރު ފަހުން ކަމަށް ރިޕޯޓުގައިވެ އެވެ.

އިކުއިޓީ ފައިސާ ހޯދަން ކޮންޓްރެކްޓަރު ފޮނުވި ސިޓީގައި ވެސް މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

އެކަމަކު ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހެޅި މި މައްސަލަ ޝަރީއަތުން ބޭރުން ހައްލުކުރަން ދައުލަތުން ވަނީ އެދިފަ އެވެ. އެކަމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވެެސް އެއްބަސްވެ އިސްލާމިކް މިނިސްޓްރިއާ އެކު ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަޝްވަރާއާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.