ރިސްކު ބޮޑު ސިކުނޑީގެ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ރަށެއްގައި

ފުރާނަ އަށް ނުރައްކާވާވަރުގެ ރިސްކު ބޮޑު ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް، އޭޑީކޭ ހޮސްޕިޓަލުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގައި މިދިޔަ ހުކުރު ދުވަހު ކޮށްފި އެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ކުރި ސިކުނޑީގެ ފުރަތަމަ އޮޕަރޭޝަނެވެ.


ސ. މަރަދޫގައި ސްލިޕްވޭ ހިންގާ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަބީބުގެ ސިކުނޑީގެ އޮޕަރޭޝަނެއް މިދިޔަ ހުކުރު ދުވަހުގެ ރޭ އޭއީއެޗުގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ކުރީ، ލޭތު މެޝިނަކަށް ލައްވާފައި ހުރި ދަގަނޑުގަނޑެއް ނައްޓައިގެން ގޮސް ހަބީބުގެ ބޮލުގައި ޖެހި ސިކުނޑި އަށް ލޭ އެޅުމުންނެވެ.

އެ އޮޕަރޭޝަނަށް ފަހު، ހަބީބުގެ ހާލަތު ރަނގަޅަށް މޮނީޓަ ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ފްލައިޓުން ވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓު ކޮށްފަ އެވެ. އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.

ހަބީބަކީ މީގެ 15 އަހަރު ކުރިން ފެށިގެން މަރަދޫގައި ސްލިޕްވޭއެއް ހިންގަމުން އަންނަ އިންޖިނިއަރެކެވެ. ހަބީބުގެ އާއިލާގެ މީހަކު ބުނީ، މިދިޔަ 15 އަހަރުގެ ތެރޭގައި ވެސް މަސައްކަތުގެ ދާއިރާގައި މިފަދަ ކަމެއް މިހާތަނަށް ކުރިމަތި ނުވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު އަދި އެ އޮޕަރޭޝަން ކުރި ޑރ. އަލީ ނިޔާފުގެ ބޭބެ ޑރ. އަބްދުﷲ ނިޔާފު "މިހާރު" އަށް މިއަދު ވިދާޅުވީ ސިކުނޑި އަށް ލިބޭ އެފަދަ ގެއްލުންތަކުގައި އެންމެ ލަސްވެގެން ހައެއްކަ ގަޑިއިރުގެ ތެރޭގައި އޮޕަރޭޝަން ކޮށް ފަރުވާދޭންޖެހޭނެ ކަމަށެވެ. ލަސްވެއްޖެ ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވި އެވެ.

މިއީ ވެސް އޮޕަރޭޝަން ލަސްވެއްޖެ ނަމަ ބަލި މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެކެވެ.

ހަބީބު 62، ގެ ސްލިޕްވޭގައި ބޭނުންކުރާ ލޭތު މެޝިނެއްގައި މައްސަލަ ޖެހިގެން އެކަން ހައްލު ކުރުމަށްޓަކައި އެ މެޝިން ޖެއްސިތަނާ، އެ އަށް ލައްވާފައި ހުރި ދަގަނޑުގަނޑެއް ލަންބައިގެން ގޮސް ޖެހުނީ އޭނާގެ ލޮލާ ދިމާލުން މެދުން ބޮލުގަ އެވެ. ވަގުތުން ހަބީބުގެ ހޭ ނެތި، ސިކުނޑިއަށް ލޭ އެޅުނެވެ.

ސިކުނޑި އަށް ބޮޑު ޒަހަމްތަކެއް ލިބިފައިވުމުން، ހަބީބުގެ ފުރާނަ ސަލާމަތްކުރުމަށް އޭޑީކޭ ހޮސްޕިޓަލްގެ އެހީތެރިކަމަށް ހުކުރު ދުވަހުގެ އިރުއޮއްސި 6:40 ހާއިރު އިކުއިޓޯރިއަލް ހޮސްޕިޓަލުން އެދުނެވެ. އެއާއެކު ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ދިވެހި ނިއުރޯސާޖަން، ޑރ. އަލީ ނިޔާފާއި ކްރިޓިކަލް ކެއާ މެޑިކަލް އޮފިސަރު ޑރ. އަދީލް ޝަރީފް އަދި ނިއުރޯސާޖަރީ ސްކްރަބް ނާސް، ޝަމޫނާ އަލީ އައްޑު އަށް ގޮސް، އޭއީއެޗްގައި އޮޕަރޭޝަން ކުރަން ފެށީ ހުކުރު ދުވަހުގެ ރޭ 11:45 ހާއިރެވެ.

އޭނާ ވިދާޅުވިގޮތުގައި ސިކުނޑިއަށް ލިބޭ ގެއްލުންތަކުގައި ފަރުވާ ދިނުމަށް ބަލި މީހުން ރަށުން މާލެ ގެންނައިރު ގިނަ ފަހަރަށް އޮންނަނީ ސިކުނޑި އަދި ފުރާނަ ސަލާމަތްކުރެވޭ ވަރަށް ވުރެ މާ ލަސްވެފަ އެވެ. އެހެންވެ އެފަދަ ފުރުސަތެއް ނުދިނުމަށް އޭޑީކޭގެ މެޑިކަލް ޓީމެއް އައްޑު އަށް ދާން ނިންމީ ކަމަށް ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ.

"އާއްމުކޮށް މި ބުނަނީ ބޮލަށް އަނިޔާއެއް ވީމާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ސާޖަރީ ހެދެންވާނެއޭ ނަތީޖާ ރަނގަޅު ކުރަން. ޝެޑިއުލް ފްލައިޓަކަށް އަރުވައިގެން ފޮނުވާ ފޮނުވުމުގައި އެ ޓައިމްލައިން ގެއްލޭ. ޕޭޝަންޓަށް ލިބެންޖެހޭ ލިބެންޖެހޭ އެންމެ އަވަސް ފަރުވާ ނުހޯދައިދެވޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ މި ފަހަރު އެގޮތަށް ގުޅީމާ އަހަރެމެން [އޭޑީކޭ ހޮސްޕިޓަލް] ޑިސައިޑް ކުރީ އެ އިމޭޖުތަކަށް ބަލާފައި އޭނާގެ ފަރުވާ، އޭނަ މާލެ ގެނެސްގެން ކުރަންޏާ ވަގުތު މާ ދިގުވާނެއޭ. އެއީ މާލެއިން ފުރައިގެން ދާ ފްލައިޓަކަށް އެކޮޅުން އަރުވައިގެން މި ގެންނަނީ."

އޮޕަރޭޝަން ކުރުމަށް އައްޑުއަށް ދިއުމަށް ނިއުރޯސާޖަން ޑރ. ނިޔާފު (މ) އާއި ޑރ. އަދީލް އަދި ނާސް ޝަމޫނާ ތައްޔާރުވެގެން.-- ފޮޓޯ: އޭޑީކޭ

ނިއުރޯސާޖަރީ އަށް ފަހު، ބަލި މީހުންނަށް ގިނަ ފަހަރު ދިމާވާ ކަމެއްގެ ގޮތުގައި ޑރ. އަބްދުﷲ ނިޔާފު ފާހަގަކުރެއްވީ، އެ މީހާގެ ސިކުނޑިއާ ގުޅިގެން ކުދިކުދި ސާޖިކަލް ކަންތައްތައް ކުރަން ޖެހުމެވެ. އެހެންވެ، ސާޖަރީ ހެދުމަށް ފަހު ބަލި މީހާ ވަރަށް ގާތުން މޮނީޓާ ކުރަން ޖެހޭނެ އެވެ. އެހެންވެ، ހަބީބު މާލެ ގެނައީ ކަމަށް ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ.

ފުރާނަ ސަލާމަތް ކުރުމަށް ކުރި ފުރަތަމަ އޮޕަރޭޝަނަށް ފަހު، ހަބީބުގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ފަހަރެއްގައި އަދި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ. ދެ ވަނަ އޮޕަރޭޝަން ކުރަން ޖެހުނު ނަމަވެސް، އެކަން ކުރާނީ ދުވަސްކޮޅެއް ފަހުންނެވެ.

ސިކުނޑިއާ ގުޅިގެން އެންމެ ފުރަތަމަ ހަދާ ސާޖަރީއަކީ ލޭކޮޅުގެ ސަބަބުން ސިކުނޑި އަށް ފިތޭ ފިތުން ހުއްޓުވުމަށް ކުރާ އޮޕަރޭޝަނެވެ. އޭރުން ސިކުނޑީގެ ލޭ ހޮޅި ބްލީޑުވެގެން ލިބުނު އަނިޔާ ކުޑަކޮށްދެވޭނެ ކަމަށް ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ. ސިކުނޑީގެ ލޭކޮޅު ފެންނަ ވަރަށް ވުރެ މީހާ އަށް ލިބޭ އަނިޔާ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

ސިކުނޑި އަށް ލޭ އެޅުމުން އޭގެ އަސަރު ސިކުނޑީގެ ދެ ފަރާތަށް ވެސް ކުރާ ކަމަށް ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އޮޕަރޭޝަނެއް ކާމިޔާބުވާނީ އެތައް ބައެއްގެ އެހީތެރިކަމާއެކު އެވެ. އެކަމުގައި އާސަންދަ ކުންފުންޏާއި އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ނަން ފާހަގަކުރެއްވި އެވެ. އެފަދަ އޮޕަރޭޝަނެއްގެ ސަބަބުން ދެން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވެސް އެ ހޮސްޕިޓަލުގައި ބަލި މީހާ ބާއްވައިގެން އެކަން ކުރެވިދާނެކަން އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ.