ފިންސެންފައިލްސް: ޝައްކުކުރެވޭ 18 ޓްރާންސެކްޝަނެއްގައި ރާއްޖެ ހިމެނޭ

ޝައްކުކުރެވޭ މާލީ މުއާމަލާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކްގެ ޑޮކިއުމެންޓްތަކެއް ލީކުކޮށްލާފައި ވާއިރު، ރާއްޖޭގައި ހިންގާ ދެ ބޭންކަކަށް، ޝައްކުކުރެވޭ 18 ޓްރާންސެކްޝަނަކުން ފަސް ލައްކަ އަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާކަން ހާމަވެއްޖެ އެވެ.


ކުށުގެ އަމަލުތައް ހިންގާ ޖަމާއަތްތަކާއި ކުށްވެރިންނާއި އިންޓަޕޮލް އިން ހޯދަން ބޭނުންވެގެން އިއުލާނުކޮށްފައިވާ މީހުންނާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންނާ ގުޅުން ހުރި އެތައް މިލިއަން ޑޮލަރެއް، އެއާ މެދު ޝައްކު އުފެދޭ ހާލަތުގައި ވެސް ބޭންކުތަކުން ދައުރުކޮށްދިންކަން މި ޑޮކިއުމަންޓްތަކުން ވަނީ އެނގިފަ އެވެ.

ފިންސެންފައިލްސްގެ ގޮތުގައި، އިންވެސްޓިގޭޓިވް ޖާނަލިސްޓުންގެ ނެޓްވޯކަކުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން 2015 އާއި 2017 އާ ދެމެދު 501،359 ޑޮލަރު، ރާއްޖޭގައި ހުންނަ އެސްއެސްބީސީ އާއި ސްޓޭޓް ބޭކް އޮފް އިންޑިއާ އަށް ވަދެފައިވެ އެވެ. މި ފައިސާ ފޮނުވާފައިވަނީ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ފަވަލްޓުންގް ޕްރައިވެޓް ބޭންކް (ވީޕީ ބޭންކް އޭޖީ) މެދުވެރިކޮށް ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުންނެވެ.

ވީޕީ ބޭންކް އޭޖީ އަކީ ލެއިޗެންސްޓައިންގެ އެންމެ ބޮޑު އެއް ބޭންކެވެ. ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނަކީ ޗައިނާ ސަރުކާރުގެ ފޮރިން އެކްސްޗޭންޖް ރިޒާވް މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިދާރާއެކެވެ.

އެންމެ ގިނަ ޓްރާންސެކްޝަން ހަދާފައިވަނީ ވީޕީ ބޭންކް އޭޖީ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއާ ދެމެދުގަ އެވެ. ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް ސެޕްޓެމްބަރު 17، 2015 އިން މާޗް 17، 2016 އާ ހަމައަށް، ޝައްކުކުރެވޭ 12 ޓްރާންސެކްޝަނެއް ހެދި އެވެ. މީގެ ޖުމްލަ އަކީ 296،928.14 ޑޮލަރު (4.6 މިލިއަން ރުފިޔާ) އެވެ.

ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން، ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް، ރާއްޖޭގައި ހުންނަ އެޗްއެސްބީސީ އަށް ނޮވެމްބަރު 27، 2015 އިން މާޗް 8، 2016 އަށް ހަ ޓްރާންސެކްޝަނެއް ހަދާފައިވެ އެވެ. މި މުއާމަލާތްތަކުގެ ފައިސާގެ އަދަދަކީ 204،430.75 ޑޮލަރު (3.1 މިލިއަން ރުފިޔާ) އެވެ.

މި 18 ޓްރާންސެކްޝަނާ މެދު ޝައްކުވާ ކަމަށް ފްލެގްކޮށްފައިވަނީ، ޓްރާންސެކްޝަންތަކުގައި މެދުވެރިއަކަށްވި އެމެރިކާގެ ބޭންކަކުންނެވެ.

ލީކުކޮށްލާފައިވާ މައުލޫމާތުގައިވާ ގޮތުން، ރާއްޖެ މެދުވެރިކޮށް އެ މުއްދަތުގައި ޝައްކުކުރެވޭ އެއްވެސް ފައިސާއެއް ފޮނުވާފައެއް ނުވެ އެވެ.

ފިންސެންފައިލްގައި ހިމެނޭ ބޭންކުތަކާއި މާލީ އިދާރާތަކުން އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ޝައްކުވާ މުއާމަލާތްތައް ހިންގި ކަމަށް ބުނާ ބޭންކްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބޭންކުތައް ވެސް ހިމެނެ އެވެ.