ފްރީ ޑައިވަރަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ރާއްޖޭގައި ފާހަގަކޮށްލެވޭ ފްރީ ޑައިވަރަކު މާލޭގެ ވެސްޓް ޕާކު ސަރަހައްދު މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ މ. ބޮއިލިން ފިޝް، ޝައްފާން ރަޝީދު، 24، ގެ ޚަބަރެއް ނުވެގެން ރިޕޯޓްކުރީ ހަވީރު 4:35 ހާއިރު ކަމަށެވެ. އެކަމަކު އެއީ އޭނާ މޫދަށް ދިޔަ ކަމަށް ބުނާ ވަގުތަށް ވުރެ ފަސް ގަޑިއިރު ފަހެވެ.

ޝައްފާންގެ ހަށިގަނޑު ޑައިވަރުންނަށް ފެނުނީ 12.1 މީޓަރު އަޑިންނެވެ.

އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ ފަޔަފައިޓަރަކަށް އުޅެމުން އައި ޝައްފާން، ކައިވެނިކުރީ މީގެ ދެ ހަފުތާ ކުރިންނެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ސީއެޗުއެސްއީން އޭ ލެވެލް ހަދާފައިވާ ޝައްފާން އަކީ ރާއްޖޭގެ ނިސްބަތުން މޮޅު ފްރީ ޑައިވަރެކެވެ. ނޭވާލާން އެހެން އެއްޗެއްގެ އެހީތެރިކަމާ ނުލައި، އޭނާ 30 މީޓަރަށް ފީނާފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ޝައްފާން ލިއެފައިވެ އެވެ. އަދި ހުށިޔާރުކަމާ އެކު މަސް ހިފާ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާތަކުގައި ޕޯސްޓްކުރެ އެވެ.

ސްނޯކްލިންއަށާއި މަސް ހިފަން ގޮސް އުޅެނިކޮށް ޒުވާނުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ދޭތެރެދޭތެރިން ހިނގަ އެވެ. އެގޮތުން މި އަހަރުގެ މާޗު މަހު، ރާއްޖޭގެ މަޝްހޫރު އެތުލީޓަކު ވެސް ވަނީ މަރުވެފަ އެވެ. ސިފައިންގެ ތެރޭގައި އުޅެމުން އައި ރާއްޖޭގެ ޖެވެލިން ޗެމްޕިއަން ސާޖަންޓް ޔައުގޫބު އަހުމަދު މަރުވީ ކ. އެނބޫދޫ ފަޅަށް މަސް ހިފަން ގޮސް އުޅެނިކޮށެވެ. އޭނާއަކީ ވެސް އާންމުކޮށް މަސް ހިފަން ގޮސް އުޅުނު ޒުވާނެކެވެ.