ހަނިމާދޫ އެއާޕޯޓް ވާނީ އުތުރުގެ ޓޫރިޒަމްގެ އިންޖީނަށް: އިންޑިއާ

ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ ޕްރޮޖެކްޓް ނިމުމުން އެތަން ވާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖީނަކަށް ކަަމަށް އިންޑިއާ އިން ބުނެފި އެވެ.


އެ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ޓެންޑާކުރުމަށް އެކުލަަވައިލަން ޖެހޭ ޕްރޮޖެކްޓް ރިޕޯޓް ހެދުމަށް އިއްޔެ ވަނީ ސާވޭކޮށްފަ އެވެ. އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތް ކުރީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމަކުން ކަމަށެވެ.

އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ އޮފިޝަލުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސާވޭކުރަނީ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ 2200 މީޓަރުގެ ރަންވޭއަކާ އެކުގަ އެވެ. އޭރުން އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެ އެވެ. ހައި ކޮމިޝަންގެ ބަޔާނުގަައިވާ ގޮތުން، ރަންވޭ ބޮޑުކުރުމުގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް، ކާގޯ ޓާމިނަލްތައް، ފިއުލް ފާމް އަދި ފަަޔަ ސްޓޭޝަންތައް ތަރައްގީކުރުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނެ އެވެ.

"... މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެއެވެ،" ބަޔާނުގައިވެ އެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓާއި އިއްޔެ ފެށި ކޮޗިން ކާގޯ ފެރީގެ ހިދުމަަތަކީ ރާއްޖޭގެ އުތުރު ސަރަހައްދު ބާރުވެރިކުރުވަން އިންޑިއާ އިން ދޭ އެހީ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނާ ރޯހިތު ރަތިޝް "މިހާރު" އަށް މިއަދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތަފުސީލީ ރިޕޯޓެއް އަންނަ ނޮވެމްބަރު މަހު ނިންމާނެ ކަމަށާއި ޕްރޮޖެކްޓް ބީލަމަށް ލާނީ އެ ރިޕޯޓު ނިމުމުން ކަމަށެވެ.

"އެގްޒިމް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރު ގުޅިގެން ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންދާނީ،" ރޯހިތު ވިދާޅުވި އެވެ.

އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އަކީ އިންޑިއާ ސަރުކާރުގެ އެއާޕޯޓުތައް ޑިޒައިންކުރާ އަދި އެ އެއާޕޯޓްތައް މެނޭޖްކުރާ އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން އިންޑިއާގެ 100 އަށް ވުރެ ގިނަ އެއާޕޯޓު ހިންގަ އެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މުޅި މަަަސައްކަތް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރޯހިތު ވިދާޅުވި އެވެ. އެއީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ޕްރޮޖެކްޓަކަށް ވާތީ އިންޑިއާ އިން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ