މޫދަށް ދިޔަ މީހަކު ގެއްލިގެން ހޯދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

މިއަދު ހެނދުނު އައްޑޫ މީދޫގައި މޫދަށް އެރުނު މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.


ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ މީދޫ ސައިމާގޭ އަބްދުﷲ ޝަރީފް، 32، އެވެ.

އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޝަރީފަކީ ކޮންމެ ހުކުރު ދުވަހަކު ހެނދުނު މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އަށް މޫދަށް ދާ މީހެއް ކަމަށެވެ.

އޭނާ ބުނީ ހެނދުނު މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން، އާއިލާ އިން ފުލުހުންނަށް ވެސް ރިޕޯޓް ކުރި ކަމަށެވެ.

"ފުލުހުންނާއި ސިފައިން ހޯދަމުން ދަނިކޮށް އިސްމެހެލާގެރަ ޗެނަލް ސަރަހައްދު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނުނީ،" އޭނާ ބުންޏެވެ.

ޝަރީފަކީ އެމްޕީއެލް ސަދަން ޓްރާންސްޕޯޓް ލިންކްގައި ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ. އޭނާގެ ދެ ކުދިން ވެސް ތިބެ އެވެ.