އެމްޑީޕީ މެމްބަރުން މަދުވެ، ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމަށް މެމްބަރުން އިތުރުވެއްޖެ

އެމްޑީޕީން 648 މެމްބަރުން މަދުވެ، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އަދަދަށް 344 އިތުރުވެއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ތަފާސްހިސާބު ދައްކާ ގޮތުން އެމްޑީޕީގައި މިހާރު ތިބީ 52،952 މީހުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 53،600 އަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ތިއްބެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އަދަދު 36،800 ގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތުމަށް ފަހު އިއްޔެ އާންމުކުރި ހިސާބުތަކުން ވަނީ 37،144 އަށް އިތުރުވެފަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ މެމްބަރުންގެ އަދަދު 4،300 އިން 4،004 އަށް ވަނީ ދަށްވެފަ އެވެ.

މި މުއްދަތުގައި އެންމެ ގިނައިން މެމްބަރުން އިތުރުވީ ޖުމްހޫރީ ޕާޓީއަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ޕާޓީގައި ތިބީ 10،700 މީހުން ކަމަށް ވިޔަސް، މިހާރު އެ އަދަދު ވަނީ 13،800 އަށް އިތުރުވެފަ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ މެމްބަރުންގެ އަދަދު 8،800 ގައި އޮތުމަށް ފަހު 8،100 އަށް ދަށް ވެފައިވާއިރު، އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު 6،500 އިން 6،600 އަށް ވަނީ އިތުރުވެފަ އެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގައި 3،100 މެމްބަރުން ތިބިއިރު، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެމްބަރުންގެ އަދަދަކީ 3،023 އެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި ޑީއާރުޕީގެ މެމްބަރުންގެ އަދަދު 3،000 އަށް ވެސް ނާރަ އެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާން ޖެހެ އެވެ. އަދި 10،000 މެމްބަރުންނަށް ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ދޫކުރެ އެވެ. މިހާތަނަށް އެ ފައިސާ ލިބުނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށެވެ.